ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ދިވެހި ފަންނުވެރިންގެ ދަފުތަރެއް އެކުލަވާލަން ނިންމައި، އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީ) އިން ބުނީ ރަޖިސްޓްރީން ވާން އެދޭ ފޯމް މިހާރު އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. ފޯމް ހުށަހަޅަން ސުންގަޑިއެއް ކަނޑައަޅައިފައެއް ނެތެވެ.

އެންސީއޭ އިން ބުނި ގޮތުގައި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށް ދިނުމުގެ މަގުސަދުގައި ފަންނުވެރިންގެ ދަފުތަރެއް އެކުލަވާލުމަކީ މުހިއްމު ކަމެކެވެ.

އެންސީ އިން މިފަދަ ދަފުތަރެއް އެކުލަވައިލަން ނިންމައި، ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފައި މި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ފަންނާނުންގެ ފޯރަމްގައި ގިނަ ފަންނާނުންތަކެއް، ފަންނާނުންގެ ދަފުތަރެއް މުހިއްމު ވާހަކަ ހިއްސާކޮށްފައި ވަނިކޮށެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ބައިވެރިވި ފޯރަމްގައި ފަންނާނުން ވަނީ އެ މީހުންނަށް ހުރި ވަރަށް ގިނ ދަތިތަކާ ގޮންޖެހުންތަކުގެ ވާހަކަ އެ މިނިސްޓްރީތަކުގެ އެންމެ އިސްވެރިންނާ ހިއްސާކޮށްފަ އެވެ.

އެ ފޯރަމްގައި އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަންނުވެރިންނަށް ހުރި ދަތިތައް ހައްލުކޮށް ދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.