މި މަހު ޓްރެފިކް ގަވައިދާ ހިލާފުވި ދޮޅު ހާހަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

ޓްރެފިކް ގަވާއިދާ ހިލާފުވެގެން މި މަހުގެ މިހާތަނަށް 1،895 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާއިރު ފުލުހުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވައި ހަމީދު ވިދާޅުވީ މި މަހު ޖޫރިމަނާކުރި އެންމެންނަކީ ވެސް ގަވައިދާ ހިލާފަށް ޕާކް ކުރުން ފިޔަވައި އެހެން ކުށްތަކާ ގުޅިގެން ޖޫރިމަނާކުރި މީހުން ކަމަށެވެ.

"ޖެނުއަރީ އެކަކުން ފެށިގެން 23 އާ ހަމައަށް، ގަވައިދާ ހިލާފަށް ޕާކް ކުރުން ފިޔަވައި އެހެން ކުށްތަކުގައި 1،895 މީހަކު ވަނީ ޖޫރިމަނާ ކޮށްފައި. މީގެ ތެރޭގައި ގަވާއިދަށް ވުރެ ބާރަށް ދުއްވި ދެ މީހަކު ހިމެނޭ. މީގެ އިތުރުން 138 މީހަކު ހުއްޓުވައި އިންޒާރު ދީފައިވޭ،" ހަމީދުގެ ޓުވިޓްގައިވެ އެވެ.

މިިދިޔަ އޯގަސްޓު މަހު ސިނަމާލެ ބްރިޖު ހުޅުވި ފަހުން ބްރިޖާއި ހައިވޭގައި ވަރަށް ގިނަ އެކްސިޑެންޓް ހިނގާފައިވެ އެވެ.

ފުލުހުން މިހާރު އަންނަނީ ބްރިޖުގައި ޓްރެފިކް ކެމެރާ ހަރުކުރުމަށް މަސައްކަތްކުރަމުންނެވެ. ބްރިޖުގައި ހަރުކުރާ 77 ކެމެރާއިން ދުވެއްޔާއި ސީސީޓީވީ ބެލުމުގެ އިތުރުން ޓްރެފިކް ލައިޓު މޮނީޓާ ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.