ނާޒިމް އަލުން ދިއްގަރު ދާއިރާ އަށް

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އަނެއްކާ ވެސް އެ ދާއިރާގެ ގޮނޑި އަށް ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.


ދިއްގަރު ދާއިރާގެ ގޮނޑި އަށް އަލުން ވާދަކުރައްވާކަން އިއުލާން ކުރައްްވައި ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންގެ އިޚުލާސްތެރިކަމާއި ވަފާތެރިކަމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ނާޒިމް މި ފަހަރުގެ އިންތިޚާބަށް ނުކުންނަވަނީ އަމިއްލަ ގޮތުންނެވެ.

ނާޒިމް ވަނީ 2009 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި 25 އަހަރަށް ޖަލަށް ލާން 2015 ގައި ކުރި ހުކުމާ އެކު އޭނާގެ މަޖިލިހުގެ ގޮނޑި ގެއްލުނީ އެވެ. އެކަމަކު، އެ ހުކުމް މިދިޔަ ޑިސެމްބަރު 13 ގައި ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ނާޒިމް ވަނީ ޖަލުން ސަލާމަތް ވެފަ އެވެ.

އޭނާ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ކުރިން، ހުކުމް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާ ކުރުމުންނެވެ.

ދިއްގަރު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. އެކަމަކު، އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފާރިސް ވާދަކުރައްވާ ކަމެއް އަދި ވާދަކުރައްވާނެ ދާއިރާއެއް އިއުލާނެއް ނުކުރައްވަ އެވެ. އަދި ސިޔާސީ ދާއިރާ އިން ފާރިސްގެ އަޑު ވެސް މި ދުވަސްކޮޅު ވަނީ ކެނޑިފަ އެވެ.

ޖޫން 6، 2015 ގައި ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފާރިސް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ބޮޑު ތަފާތަކުން ބަލިކުރައްވަ އެވެ. ވާދަވެރި އެ ބައި އިލެކޝަން ގައި ފާރިސް އަށް 1،232 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ އެންމެ ބޮޑަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީ އަށް ލިބިވަޑައިގަތީ 756 ވޯޓެވެ.

ނާޒިމާއި ފާރިސް އަކީ ސިޔާސީ ދާއިރާ ގައި މިހާރު އެކުގައި މަސައްކަތް ކުރައްވާ ދެ ބޭފުޅުންނެވެ. އެންމެ ފަހުން ވެސް ނާޒިމް ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން އޭނާ ހުންނަވާނީ ފާރިސްއާ އެކު ކަމަށެވެ.

ނާޒިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅެކެވެ. އެކަމަކު، 2013 ގައި ޔާމީން ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން، ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން އެ ގުޅުން އެއްކޮށް ކެނޑުނީ އެވެ.