އަދީބު ގޭބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.


އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުން އެދި އަދީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ ގައިދީން ބޭރަށް ފޮނުވުމާ ބެހޭގޮތުން ގަވާއިދުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އެ މައްސަލަ އަދީބުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ މައްސަލަ ނިމެންދެން އަދީބު ގޭ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އަދީބުގެ ފަރާތުން ވަނީ އެދިފަ އެވެ.

ހައި ކޯޓުގައި މިއަދު މެންދުރު ފަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވީ އެ މައްސަލަ ނިމެންދެން އަދީބު މިވަގުތު ގޭގައި ބެހެއްޓުމުގެ އަމުރު ނެރެންޖެހޭ ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.

އެ އަމުރާ މެދު ގޮތެއް ނިންމުމުގެ ކުރިން އެ އަމުރާ މެދު ވާހަކަ ދައްކަން ދެ ފަރާތަށް ދިން ފުރުސަތުގައި ދައުލަތުން ބުނީ އެފަދަ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު ދާދިފަހުން ޖަލަށް ބަދަލުކުރީ ވެސް ގޭގައި ބެހެއްޓުމަށް ޑޮކްޓަރު ލަފާ ދިން މުއްދަތު ހަމަވުމުން ކަމަށާއި އޭގެ ފަހުން އޭނާ ގޭގައި ބަހައްޓަން ޑޮކްޓަރު ލަފާ ދީފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އެ މައްސަލާގައި ފުރިހަމަ ނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަދީބު މިވަގުތު ވެސް ޖަލުގައި ހުންނަނީ ވީއައިޕީ ގޮޅިއެއްގައި ކަމަށާއި އެ ގޮޅީގައި އޭސީ އާއި ޓީވީ ފަދަ ވަސީލަތްތައް ހުރުމުގެ އިތުރުން ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރުމުގެ ފުރުސަތާއި ކޮންމެ ދުވަހަކު އަދީބުގެ ސިއްހީ ހާލަތު ބެލުމަށް ނަރުހަކު ހަމަޖައްސާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އަދީބަށް ސިއްހީ ކަމެއް ދިމާވެއްޖެ ނަމަ، އެހީތެރިވުމަށް އިތުރު ގައިދީއަކު ވެސް އެ ގޮޅީގައި ބަހައްޓާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އަދީބުގެ ވަކީލް މުހައްމަދު އިސްމާއިލް ވިދާޅުވީ ޑޮކްޓަރު ލަފާ ދިން މުއްދަތަށް އަދީބު ގޭގައި ބަހައްޓާފައި ނުވާ ކަމަށާއި އޭނާ ޖަލަށް ބަދަލުކުރީ އެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ. އަދީބު ޖަލަށް ބަދަލުކުރި ފަހުން ދެ ފަހަރެެއްގެ މަތިން އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދެއްކި ކަމަށާއި އެކަމަކު ޑޮކްޓަރު ދީފައި ހުރި ލަފާތައް އަދީބާއި އާއިލާއަށް ވެސް ނޭނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

އަދީބަށް ޚާއްސަ އިންތިޒާމްތަކެއް ޖަލުގައި ހަމަޖައްސާފައިވާ ކަމަށް ދައުލަތުން ބުނުމުން އޭގެ ރައްދުގައި ވަކީލް ވިދާޅުވީ އަދީބާ އެކު ގޮޅީގައި ބަހައްޓާފައި ހުންނަނީ އުމުރުން 60 އަހަރުން މަތީގެ ގައިދީއެއް ކަމަށެވެ. އެ ގައިދީއަކީ ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށާއި އަދީބަށް ސިއްހީ ނުރައްކަލެއް ކުރިމަތިވިޔަސް، އެ އުމުރުގެ މީހަކަށް އަދީބަށް އެހީތެރި ނުވެވޭނެ ކަމަށް ވަކީލް އިސްމާއިލް ވިދާޅުވި އެވެ. އެހެންވެ، އަދީބު ގެއަށް ބަދަލުކުރަން ވަގުތީ އަމުރެއް ނެރެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ވެސް ހާޒިރުވި އެވެ. ކަރެކްޝަންސުން ބުނިގޮތުގައި ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަދީބުގެ ސިއްހީ ކަންކަން ކަރެކްޝަންސުން ދަނީ ކުރަމުންނެވެ. އަދީބު ރާއްޖެއިން ބޭރަށް ގެންދަން މިދިޔަ އަހަރު ޑޮކްޓަރު ލަފާ ދިނަސް، އެކަމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަރެކްޝަންސް އިން ކުރި ކަމަށް ކަރެކްޝަންސުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ބައެއް ސުވާލުތައް ކަރެކްޝަންސްއާ އަމާޒު ކުރައްވައިފަ އެވެ. އެގޮތުން އަދީބުގެ ސިއްހީ ހާލަތާ ގުޅޭގޮތުން މިދިޔަ އަހަރު ޑޮކްޓަރުން ދިން ލަފައަށް ފަހު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމުގައި ކަރެކްޝަންސް އިން އަމަލު ކުރި ގޮތާއި ޖަލުގައި ފަރުވާ ދެވޭނެ ނިޒާމް މިިހާރު ހުރި ގޮތާ ބެހޭގޮތުން ވެސް ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

ކަރެކްޝަންސުން ބުނިގޮތުގައި ޖަލުގައި ގާއިމް ކޮށްފައިވާ ސިއްހީ މަރުކަޒުގައި ހަތަރު ޑޮކްޓަރުންނާއި ނަރުހުން ތިބޭ ކަމަށާއި ކުއްލިއަކަށް ދިމާވާ ކަންކަމުގައި ފަރުވާ ދިނުމަށް ނަރުހުންނާއި ޑޮކްޓަރުން އޮންކޯލްގައި އަބަދުވެސް ތިބޭނެ ކަމަށެވެ.

މައްސަލަ ނިމެންދެން އަދީބު ގޭގައި ބަހައްޓަން ވަގުތީ އަމުރު ނެރުނުއިރު، މިއަދު ހައި ކޯޓުން ވަނީ މުޅި އެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.