ވާދަކުރާނެ ދާއިރާތައް ނިންމާނީ ލީޑަރުންގެ މަޝްވަރާ އަށް ފަހު: އެމްއާރުއެމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް މުޅިން ނިންމާނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންގެ މަޝްވަރާ އަށް ފަހު ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.


މައުމޫންގެ ތާއީދާ އެކު މަޖިލީހުގެ 81 ދާއިރާ އަށް ވާދަކުރަން 108 މީހަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެތެރެއިން ޓިކެޓް ދޭނެ މީހުން ހޮވުމަށް ކޮމެޓީއަކުން ވަނީ އިންޓަވިއު ވެސް ކޮށްފަ އެވެ.

މައުމޫންގެ ސިޔާސީ ހަރަކާތް ހިންގަވާ އެމްއާރުއެމް އިން ވާހަކަ ދެއްކެވި އަބްދުލްއަލީމް "މިހާރު" އަށް ވިދާޅުވީ ވާދަކުރާނެ ދާއިރާތައް ނިންމައި ޓިކެޓް ހަވާލުކުރަން މައުމޫން ނިންމަވާފައި ވަނީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. މަޖިލީސް އިންތިޚާބުގައި ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރުމާ މެދު ހިޔާލުތަފާތުވެފައިވާ މައްސަލައިގައި ހައްލެއް ހޯދަން ލީޑަރުންނާ އެކު ވަރަށް އަވަހަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.

އެ ބައްދަލުވުން މި ހަފުތާ ތެރޭގައި އޮންނާނެ ކަމަށް އެމްއާރުއެމް އިން އުއްމީދު ކުރެ އެވެ.

"ލީޑަރުން ބާއްވަވާ އެ ބައްދަލުވުމަށް ފަހު ދާއިރާތައް މުޅިން ފައިނަލް ކުރާގޮތަށް އޮތީ،" އަލީމް ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރު އުފައްދަން އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް ދާއިރާތައް ބަހާނަމަ މައުމޫނަށް ލިބޭނީ 17 ދައިރާ އެވެ. ސަރުކާރުގައި ހިއްސާވާ ނިސްބަތުން އެމްޑީޕީ އަށް 35 ދާއިރާ، ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ އަށް ލިބޭނީ 13 ދާއިރާ އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާތަކަކަށް ވާދަކުރަން ނިންމާފައިވިޔަސް އަދާލަތު ޕާޓީން ވާދަކުރަނީ 13 ދާއިރާ އަށެވެ.

އެމްއާރުއެމްގެ ޓިކެޓް މިހާތަނަށް ކަށަވަރުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން މައުމޫންއާ އެކު ތިއްބެވި މެމްބަރުންނަށެވެ. ރައްޔިތުންގެ މަޖިލީސް މިނިވަންކުރަން ހިންގި އިސްލާހީ މަސައްކަތާ އެ މެމްބަރުން ގުޅިވަޑައިގަތީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމުގެ ޔަގީންކަން ލީޑަރުން ދެއްވުމުންނެވެ.

އެ މެމްބަރުންގެ ތެރެއިން މައުމޫންއާ އެކު ސިޔާސީ މަސައްކަތް ކުރައްވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދުު ވަހީދު އިބްރާހިމް (ވައްޑެ) އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލަ މައުމޫންއާ އެއްކޮޅަށް ނިމިއްޖެ ނަމަ މަޖިލިހުގެ އިންތިޚާބަށް ކެންޑިޑޭޓުންތަކެއް ނެރެން ނިންމާފައި ވަނީ އެ ޕާޓީގެ ޓިކެޓުގަ އެވެ.

ޕީޕީއެމްގެ އާއްމު މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ޕާޓީ ހިންގެވުމުން މައުމޫން އެކަހެރި ކުރެއްވީ ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ޕާޓީ މިހާރު ހިންގަވަނީ، އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.