އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ މެނޭޖަރަކަށް ސާބެ

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ޝާހިދު (ސާބެ) ހަމަޖައްސައިފި އެވެ.


ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން ސާބެއަކީ އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްމުން އަންނަ ބޭފުޅެކެވެ. އެމްޑީޕީން ބުނި ގޮތުގައި، ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އެ ޕާޓީން ވަނީ އޮފީހެއް ގާއިމުކޮށްފަ އެވެ.

އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިހާބަށް ބޮޑެތި ތައްޔާރީތައް ވަމުން އަންނަ އެމްޑީޕީން ވަނީ 86 ދާއިރާއަކަށް ވާދަކުރަން ނިންމައިފަ އެވެ. އަދި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ފެށުމަށް އަންނަ ހުކުރު ދުވަހުގެރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީ ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެނޑިޑޭޓުން ކަނޑައެޅުމަށް މި މަހުގެ 18 ވަނަ ދުވަހު ޕްރައިމަރީއެއް ބާއްވައިފަ އެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނޭ ގޮތަށް 77 ބޭފުޅަކަށް ޓިކެޓު ދީފައިވެ އެވެ. ބާކީ ހުރި ދާއިރާތަކުގެ ޕްރައިމަރީ ނުބޭއްވީ އެކަކަށްވުރެ ގިނަ މީހުން އެ ދާއިރާތަކަށް ކުރިމަތިލާފައި ނުވާތީ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. އެ އިންތިހާބުގައި 280 ކެންޑިޑޭޓަކު ވާދަކުރި އެވެ.