ޖޭޕީން ވާދަކުރާނެ ގޮނޑިތައް މިރޭ ނިންމަނީ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި 61 ދާއިރާ އަކަށް ވާދަކުރުމަށް ހުށަހަޅާފައިވާއިރު، ޓިކެޓު ދޭނެ އުސޫލެއް ކަނޑައެޅުމުގެ އުސޫލު މިރޭ ނިންމާ ގޮތަށް ހަމަޖައްސައިފި އެވެ.


ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމެއް މިރޭ 9:00 ގައި ބާއްވާއިރު، އެޖެންޑާގައި އޮތީ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިހުގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ހުށަހެޅި 97 މީހުންގެ މައުލޫމާތުތައް އިވެލުއޭޓް ކުރި ހަތް މެމްބަރުންގެ ކޮމިޓީގެ ރިޕޯޓާ މެދު ގޮތެއް ނިންމުމެވެ.

ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރިޔާސަތު ބަލަހައްޓަވާ އެ ކޮމިޓީގެ ރިޕޯޓު މިހާރު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފޮނުވައިފަ އެވެ.

ޖޭޕީގެ ޓިކެޓު ދޭނީ ޕްރައިމަރީ އަކުންތޯ ނުވަތަ އެހެން ގޮތަކުން ކަމެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް ކުރިން ވިދާޅުވެފައި ވެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ 86 ދާއިރާ އަށް ވާދަކުރާއިރު، އެ މައްސަލައިގައި އެ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ހިޔާލު ތަފާތެވެ. ޖޭޕީން ބުނެފައި ވަނީ މަޖިލިހުގެ 87 ދާއިރާ އަށް ވާދަކުރުމަށް އެ ޕާޓީން ނިންމާފައި ނުވާނެ ކަމަށެވެ.

އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ހޯދުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ މަސައްކަތްޕުޅު ކުރައްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވަނީ ކޯލިޝަން ޕާޓީތަކުގެ އަޣުލަބިއްޔަތު އޮތް މަޖިލިހެކެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ މަޖިލިހުގެ އިންތިޚާބުގައި ކޯލިޝަން ގުޅިގެން ވާދަކުރުމަށެވެ.