ޖޭޕީން ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމުގެ ބާރު ގާސިމަށް

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމުގެ ބާރު، އެ ޕާޓީގެ ކައުންސިލުން، ލީޑަރު ގާސިމް އިބްރާހިމަށް މިރޭ ދީފި އެވެ.


އެ ޕާޓީގެ ޓިކެޓުގައި 61 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި 97 މީހުންގެ ތެރެއިން ގާސިމް ވަނީ މިހާރު މެންބަރުކަމުގައި ތިއްބެވި ބޭފުޅުންނަށް ޓިކެޓް ދޭން ނިންމަވައިފަ އެވެ. އޭގެ ތެރޭގައި، ގޮނޑި ގެއްލުނު މެންބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުން ހިމެނެ އެވެ. އެއީ 35 ދާއިރާއަކަށެވެ. ނަމަވެސް މިހާރުގެ މެންބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފަށް އެ މީހުންގެ އެދުމުގެ މަތިން ޓިކެޓެއް ނުދެ އެވެ.

އިތުރު ދާއިރާތަކާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޓިކެޓު ހޯދަން ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރޭގައި، އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންހެން ހިމެނެ އެވެ.

ޓިކެޓް ދޭން ނިންމި ބޭފުޅުންގެ ތެރޭގައި، ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އިރްތިޝާމް އާދަމާއި ވޮލީ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިމެނެ އެވެ. އަދި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކަށް ހުށަހެޅުއްވި ބޭފުޅުންނަށް ވެސް ވަނީ ޓިކެޓް ދީފަ އެވެ.

ޖުމްހޫރީ ޕާޓީން ޓިކެޓް ދޭން މިރޭ ކަނޑައެޅި ބޭފުޅުންނާއި ދާއިރާތައް

ގާސިމް މިރޭ ވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ މަގުމަތި ވެފައި ކަމަށާއި މިވަގުތު "ނާށިގަނޑަށް ވައްޓާލި އެއްޗެއް" ބޭނުންކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ހަތުރެއް ސިޔާސީ މައިދާނުގައި ނެތް ކަމަށާއި ކޮންމެ ޕާޓީއަކާ އެކުގައި ވެސް މަސައްކަތްކުރަން ތައްޔާރު ކަމަށެވެ. އަދި އެމްޑީޕީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިރޭ ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: ހުސެން ވަހީދު/މިހާރު

ގާސިމް ވިދާޅުވީ ޕާޓީ އަށް ވަންނަހާ މީހަކަށް ޓިކެޓް ނުދެއްވާނެ ކަމަށާއި ޓިކެޓް ދެއްވާނީ ހޮވޭނެކަން ޔަގީންވާ ބޭފުޅުންނަށް ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ 86 ދާއިރާ އަށް ވާދަކުރާއިރު، އެ މައްސަލައިގައި އެ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ހިޔާލު ތަފާތެވެ. ޖޭޕީން ބުނަނީ އެމްޑީޕީން ވަކިން މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރަން ނިންމުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމަށެވެ. ނަމަވެސް އެމްޑީޕީން ބުނަނީ އެފަދަ އެއްބަސްވުމެއް ވެފައިނުވާ ކަމަށެވެ.

އެމްޑީޕީން އަޣުލަބިއްޔަތު ހޯދުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ މަސައްކަތްޕުޅު ކުރައްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވަނީ މަޖިލިހުގެ އިންތިޚާބުގައި ކޯލިޝަން ގުޅިގެން ވާދަކުރުމަށެވެ. އެއީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެތީ ކަމަށް ރައީސް ވިދާޅުވެ އެވެ.