މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް މާދަމާ ރޭ ޓިކެޓު ހަވާލުކުރަނީ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް މާދަމާ ރޭ ޓިކެޓު ހަވާލުކުރަން ނިންމައިފި އެވެ.


މަޖިލިސް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ސްޕޯކްސްޕާސަން، އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، 86 ދާއިރާ އަކަށް އިންތިޚާބު ކޮށްފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން މާލޭގެ ކާނިވާ ސަރަހައްދުގައި މާދަމާ ރޭ ބާއްވާ ރަސްމިއްޔާތުގައި އިފުތިތާހު ކުރާނެ ކަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލަނީ އެޖެންޑާ އަކާ އެކު ގާނޫނީ ގޮތުން ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އާންމުންނަށް ފައިދާ ހުރި ގިނަ ކަރުދާސްތަކެއް ތައްޔާރު ކޮށްފައިވާއިރު އެމްޑީޕީން ވަނީ އެ ކަރުދާސްތަކަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހިޔާލު ހުށަހަޅަން މުއްދަތު ދީފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީން ތައްޔާރުކުރި ކަރުދާހުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި އިންކަމް ޓެކްސް ނެގުމާއި ޝަރުއީ ދާއިރާ މިނިވަންކުރުން ހިމެނެ އެވެ.

އަފްޝަން ވިދާޅުވީ ޕްރައިމަރީން، އެމްޑީޕީ ތަމްސީލް ކުރާނެ ކެންޑިޑޭޓުންތަކެއް ހޮވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ނުކުރައްވާ ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި ޕާޓީގެ އިސްބޭފުޅުންގެ ފަރާތުން، ކެންޑިޑޭޓުންގެ ކެމްޕެއިނަށް ފުރިހަމައަށް އެއްބާރުލުން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނަން ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 21 އަށެވެ.