ޔާމީންގެ ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށް ދީފި

ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިލެކްޝަންސް ކޮމިޝަން (އީސީ) ން މިރޭ ރަޖިސްޓަރީ ކޮށްދީފި އެވެ.


ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން އުފެއްދި ކޮންގްރެސް ޕާޓީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވެގެން އީސީ އަށް ފާޑުކިއުން ވެސް އަމާޒުކުރި އެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ކޮންގްރެސް ޕާޓީގެ ހުއްދަ ލަސްވީ، ހުށަހެޅި ފޯމުތަކުގައި ސައްހަ ނޫން މައުލޫމާތު ހުރުމުންނާއި އެ ޕާޓީ އުފައްދަން ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ.

އެ މައްސަލަ ބަލަން އީސީން އެކުލަވައިލި ކޮމިޓީން ނިންމީ، ކޮންގްރެސް ޕާޓީ އުފެއްދުމަށް ޕީޕީއެމްގެ ވަސީލަތްތައް ބޭނުންކޮށްފައި ވިޔަސް ހުއްދަ ހިފެހެއްޓެން ނެތް ކަމަށެވެ. އެއީ، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް ގެޒެޓްކުރީ ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ފަހުން ކަމަށް ވާތީ ކަމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބަދަލުކޮށް، މިދިޔަ ހަފުތާގައި ގެޒެޓްކުރި އިސްލާހުގައި ވަނީ އަލަށް ޕާޓީއެއް އުފައްދަނީ، ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށް ވާނަމަ، އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ، ބާތިލްކުރެވިދާނެ ކަމަށެވެ.

ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމް މެދުވެރިކޮށް ސިިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ.