އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަނީ

އައްޑޫ ހިތަދޫ ހޮޓަލެއްގެ ތެރޭގައި ހުއްޓައި އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިތަދޫ މާހެރަ ކެފޭގައި ހުއްޓައި، ސިކުނޑީގެ އުނިކަމެއް ހުންނަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމު އަދާކުރާ މީހާ އަށް ހަމަލާދިނީ މެދު އުމުރުގެ ދިވެއްސެކެވެ. މިިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަގޮތުގައި އުމުރުން ދުވަސްވީ މީހާ ގޮނޑިއެއްގައި އިންދައި، އެ ތަނަށް ގޮސް އޭނާގެ ލޮލަށް އިނގިލި ކޮއްޕާލަ އެވެ. ދުވަސްވީ މީހާ ތެދުވެ، އަތް މުށްކަވާލުމަށް ފަހު، އޭނާ އަށް ހަމަލާދިން މީހާގެ މޫނާ ދިމާލަށް އަނގައިގައި ހުރި ފެނާ އެކު ކުޅު ބުރުވާލަ އެވެ.

އެއާއެކު، ރައްދުގައި އެމީހާ ވެސް އަނގައިގައި ހުރި ކުޅުތައް ބުރުވާލައި މާރާމާރީ ހިންގުމަށް ފަހު ހޮޓަލުގެ ތެރެއިން ނުކުމެގެންދެ އެވެ. މީޑިއާގައި އާއްމުވުމާއެކު އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެ ހާދިސާއާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ އުމުރުން ދުވަސްވީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަނީ އެއްވެސް ހާލެއްގައި ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އެ އަމަލު ހިންގި ފަރާތާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތްކުރަމުން ގެންދާނެކަމަށް، މިދިޔަ އާދިއްތަ ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ގާތްގަނޑަކަށް 70 އަހަރުން މަތީގެ ތުއްތުގެ ނަމުން މަޝްހޫރު ދުވަސްވީ މީހާ އަށް ހަމަލާ ދިން ވަގުތު، ހޮޓަލުގެ ތެރޭގައި ބަޔަކު ތިބި ކަމުގައިވިޔަސް، މާރާމާރީ ހުއްޓުވަން އުޅެފައެއް ނުވެ އެވެ.