ޕީޕީއެމާއި ކޮންގްރެސް ޕާޓީ ކޯލިޝަން ހަދައިފި

ކޯލިޝަން އެއްބަސްވުމެއްގައި ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ސޮއިކޮށްފި އެވެ.


ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ސޮއިކުރައްވައިފަ އެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަން ހެދުމުގެ އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އާއި (މ) ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އެއްބަސްވުމުގެ ސޮއިކުރައްވަނީ-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ކޯލިޝަން ހެދީ ދެ ޕާޓީ ވުޖޫދުގައި އޮތްހާ ދުވަހަކަށް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންކަމުން އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވެސް ވާދަކުރަން ހަމަޖައްސާފައިވަނީ ދެ ޕާޓީ ގުޅިގެންނެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމާއި ކޮންގްރެސްގެ ކޯލިޝަނަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ސޮއިކުރެވޭ އެންމެ މުހިއްމު އެއްބަސްވުން ކަމަށެވެ.

އެ ދެ ޕާޓީ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރާނެކަމަށް މިހާތަނަށް އިއުލާނުކޮށްފައިވަނީ 63 ދާއިރާއެކެވެ. އޭގެ ތެރެއިން ބައެއް ދާއިރާތަކުގައި ޕްރައިމަރީ ބާއްވަން ހަމަޖައްސާފައިވާކަމަށް ޔާމީން ވިދާޅުވި އެވެ.