މަޖިލީހުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީ އަށް: ރައީސް

ރައްޔިތުންގެ މަޖިލީހުގައި އެންމެ މުހިއްމު ދަައުރެއް އަދާކުރެވޭނީ އެމްޑީޕީ އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


ކުރިއަށް އޮތް މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަަފުޅުދައްކަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ރައްޔިތުންނަށް ފުއްދައިދެވޭނީ މަޖިލީހުގެ ތާއީދާއެކު ކަމަށެވެ. އެހެންވެ ސަރުކާރުގެ މެޖޯރިޓީއެއް އޮންނަ މަޖިލީހެއް އޮތުމަކީ ވެސް ވަރަށް މުހިއްމުކަމެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ މާޒީއަށް ވިސްނާލުމުން ފެންނަނީ ހިތްގައިމު މަންޒަރެވެ. އެ ޕާޓީއަކީ ސިޔާސީ ޕާޓީގެ މާޒީ ބަދަލުކޮށް އެ މާޒީގައި ކަންކަން ހިނގައިދިޔަގޮތުން އިބްރަތް ލިބިގަނެ ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ބިނާކުރުމަށް ފައްކާވެފައިވާ ބޮޑު ޕާޓީއެއް ކަން ފާހަގަކުރެއްވި އެވެ.

މެނިފެސްޓޯ ތަންފީޒުކުރުމުގައި އެ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި މިއީ "ހިތާ ހިތުގެ ގުޅުމެއް" ކަމަށް، މަޖިލީހުގެ މެމްބަރުކަމުގައި 25 އަހަރު ހޭދަކުރެއްވުމަށްފަހު ވެރިކަމަށްވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖިލީހުގައި ހޭދަކުރެއްވި ދިގުމުއްދަތުގައި ހަމަނުޖެހުމާއި ކަންބޮޑުވެވަޑައިގެންނެވި އެތައް ކަމަކާއި އުއްމީދީ އެތައްކަމެއް ވެސް ފެނިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ މަޖިލީހުގެ މަސައްކަތްތައް ކުރަން އިސްނަގާއިރު ހަނދާންކުރަން ޖެހޭނެ އެންމެ މުހިއްމުކަމަކީ ދާނެ މަގަކާ ދޭތެރޭކަން ރައީސް ފާހަގަކުރެއްވި އެވެ. ދެވިދާނެ އެތައް މަގެއް އޮތް އިރު ރައްޔިޔުންގެ ހައްގުގައި ބަސް ބުނުމާއި ކިލަނބުކަމެއް ނެތި ބަރުލަމާނީ ހަޔާތް ނިންމުމަށް އަޒުމްކަނޑައެޅުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖެ ގައުމީ މަސްލަހަތާއި ތަރައްގީ ބިނާ ކުރާ އެންމެ މުހިއްމު ތަނބު. އެ މުއައްސަސާއަކީ ދިވެހި ދައުލަތުގެ މައިބަދަ. އެހެންކަމުން އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް ވެސް ތިބޭފުޅުން ކުރަން ނުކުމެ ތިބި މަސައްކަތް ދެނެތިބެ ހިތްވަރު ކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން." ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މެމްބަރުކަން ހޯދުމަށް އޮންނަނީ ދެ ގޮތެކެވެ. އެއީ ސީދާ ރައްޔިތުންނާ ބައްދަލުކުރުމާއި އެ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމެވެ. ދެ ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައްޔިތުންނަށް ކޮށްދޭނެ ވައުދުތަކެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި 86 ދާއިރާއަކަށް ވާދަކުރެ އެވެ.