ނުކުމެ މި ހުރީ ތަޖުރިބާއާއެކު، ސާފުު އަޣުލަބިއްޔަތު ލިބޭނެ: ނަޝީދު

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާފައިވަނީ ތަޖުރިބާއާ އެކު ކަމަށާއި އިންތިޚާބުން ސާފު އަޣުލަބިއްޔަތު ލިބޭނެކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާއަކީ އެހެން އެއްވެސް ޕާޓީއަކަށް އަދި ވަކި ފަރުދަކަށް ވެސް ލިބިފައިވާ ތަޖުރިބާއެއް ނޫން ކަމަށެވެ. އެހެންކަމުން އެ މާޒީން، ރައްޔިތުން އެމްޑީޕީ އަށް މެޖޯރިޓީ ދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އޭޕްރީލް ހަ ވަނަ ދުވަހު ތިޔަބޭފުޅުންނަށް އަނެއްކާ ވެސް ޓީވީތަކުން ފެންނަން ފަށާނެ މުޅި ސްކްރީން ހުރިހާ ގޮނޑިއެއް ރީނދޫވަމުން ދާތަން. ރައްޔިތުންގެ މަޖިލީހުގެ އޭޕްރީލްގެ އިންތިޚާބު، 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި މި ޕާޓީ އިރާދަކުރެއްވިއްޔާ މާ ތަނަވަސް އަޣުލަބިއްޔަތަކުން އެ މަޖިލިސް ކާމިޔާބުކުރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަަޑައިގެންނެވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިިގެންނެވި ބައެއް ވަޒީރުން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ހާއްސަކޮށްފައިވާ ޝިއާރު، "އެޖެންޑާ 19" އިން ރައްޔިތުން އެދޭފަދަ ރައްޔިތުންގެ މަޖިލީހެއް ހޯދައިދޭނެ ކަމަށެވެ. އަދި އެ މަޖިލީހުން ޕާޓީއެއް ބަދަލެއް ނުކުރާނެ ކަމަށާއި ވޯޓެއް ނުވިއްކާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަޖިލިހުގެ މެމްބަރުން ބަރޯސާވާނީ ހަމައެކަނި އެންމެ ކަމަކަށް، ތިޔަ ބޭފުޅުންގެ އާދޭސްތަކަށް. ތިބޭފުޅުން ތިޔަ އެދޭ އެދުންތަކަށް،" މައްޗަންގޯޅި މެދުދާއިރާ އަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް 19 ނަޒާހަތްތެރިވާނެ ކަމަށާއިި އަދި ވައްކަމެއް ނުކުރާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. އެއީ ރައްޔިތުން އުއްމީދުކުރާ ފަދަ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހެއް ގެނެސްދޭނެ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ މަޖިލީހަށް ދަނީ އަމިއްލަ ކުންފުނި ބޮޑުކުރުމަށް ނޫން ކަމަށެވެ. އެއީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް ކަމަށާއި އެ ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އާދިލްއާ، ރައީސް ސޯލިހު (ކ) ސަލާމްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ނެތް. އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ޝަރީއަތެއް ނުހިނގާ މި ޕާޓީގެ މަސްލަތު ހިމެނޭ ގޮތަކަށް އެއްވެސް ކޯޓެއްގައެއް. މި ޕާޓީގެ އަތް އޮތީ ދޫވެފައި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް، އަޅުގަނޑުމެންގެ އަތް އޮތީ ބަންދުވެފައެއް ނޫން އަމިއްލަ ކުންފުންޏެއްގެ ފައިދާ ބޮޑު ކުރުމަކަށް. އަޅުގަނޑުމެންނަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް. މި ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތް. މި ޕާޓީ ކަންބޮޑުވާކަށް ނުޖެހޭ ހެޔޮ އަގުގައި މީހުން މަސައްކަތް ކުރަން ނުލިބުނީމައެއް. މި ޕާޓީ ކަންބޮޑުވަނީ އެންމެ ކުޑަ އުޖޫރަ މީހަކަށް ނުދެވޭތީވީ، އަޅުގަނޑުމެންނަށް އެ މަސައްކަތް ކުރެވޭނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް އަކުރުން އަކުރަށް، ރަނުން ރަަނަށް ފުއްދައިދޭނެ ކަމަށާއި އެމްޑީޕީގެ ބޭނުމަކީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އަންނަ މަޖިލީހުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ޝަރުއީ ދާއިރާ އިސްލާހުކުރުމާ ގުޅޭ މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރެއްވި އެވެ.