ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ

ސިނަމާލޭ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.


ފުލުހުން ބުނީ މިއަދު 2:15 ހާއިރު އެކްސިޑެންޓުވީ ހުޅުލެ އިން ހައިވޭ އަށް އެރުމަށްޓަކައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ތޮށިގަނޑުގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ޒަހަމްވީ ފުވައްމުލަކަށް އުފަން 21 އަހަރުގެ ފިރިހެނެކެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، އެކްސިޑެންޓުވުމާ އެކު، އޭނާގެ ހަރަކާތް އެއްކޮށް ހުއްޓުނެވެ. އަދި ބޯ ފަޅައިގެން ގޮސް، ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރި ކަމަށް ވެސް އެ މީހުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އަނިޔާ ލިބުނު މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެމީހާ އަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފަހަކަށް އައިސް، މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން، ސިނަމާލެ ބްރިޖާއި ހައިވޭ އާއި ރިންގްރޯޑްގައި ދަނީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުންނެވެ. އަދި ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބޭއިރު، ބައެއް މީހުންގެ ފުރާނަ އަށް ވަނީ ނުރައްކާވެފަ އެވެ.