ކޮމަންވެލްތުގެ ވަފުދުން އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފި

ރާއްޖޭގެ ހާލަތު ބަލަން ކޮމަންވެލްތުން އައި ވަފުދުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބައްދަލުކޮށްފި އެވެ.


ކޮމަންވެލްތުގެ ވަފުދެއް އައިސްފައިވަނީ ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ހުށަހެޅުމާ ގުޅިގެން ރާއްޖޭގެ ހާލަތު ގެނެގަތުމަަށެވެ.

އެ ވަފުދުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ބައްދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގަ އެވެ. އެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ކޮމަންވެލްތުގެ އެ ވަފުދުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ޕާޓީތަކާ ވެސް ބައްދަލު ކުުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުން ރާއްޖެއާ މެދު ތަފާތުކުރުން ގެންގުޅުމާއި ދާޚިލީ ކަންކަމުގެ ތެރެއަށް އެ ޖަމާއަތުން ވަންނަ ކަމަށް ބުނެ އެވެ.

އެ ޖަމާއަތާ އަލުން ގުޅުމަށް ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.