މައުމޫންގެ ކެންޑިޑޭޓުންގެ އަދަދު 30 އަށް ވުރެ ގިނަ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން 30 އަށް ވުރެ ގިނަ ދާއިރާ އަށް ޓިކެޓް ދޭން ނިންމައިފި އެވެ.


އެޕްރީލްމަހު އޮންނަ ވާދަވެރި އިންތިޚާބުގައި މައުމޫންގެ ފިކުރަށް ތާއީދުކުރާ މީހުން ކުރިމަތިލާނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގަ އެވެ. އެ މަނިކުފާނުގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރަން 100 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

އޭގެތެރެއިން މައުމޫން ތައީދު ކުރައްވާ ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ޚާއްސަ ސިޓީއެއް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާފައިވާ މައުމޫން ރިފޯމް މޫވްމަންޓުން ވާހަކަ ދެއްކެވި އަބްދުލްއަލީމް ވިދާޅުވީ މައުމޫންގެ ތާއިދާ އެކު ނުކުންނަވާނެ ކެންޑިޑޭޓުންގެ ސީދާ އަދަދު މިރޭ ކަނޑައަޅައި ނިމޭނެ ކަމަށެވެ. ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް އެކުގައި ވާދަ ނުކުރެވުމުން، އެމަނިކުފާނުގެ ވިސްނުންފުޅަކީ ވީހާވެސް ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުން ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

"ރައީސް މައުމޫން ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް އެކަން އަންގަވަމުން މިހާރު އަންނަނީ. ސީދާ އަދަދު ވަރަށް އަވަހަށް ފައިނަލްވާނެ،" އަލީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި އެވެ. މަޖިލީސް އިންތިހާބުގައި ޕާޓީތަކުން ގޮނޑިތަކަށް ވާދަކުރާނެ އަދަދު ލިއެފައި ނުވާ އެއްބަސްވުމާ މެދު ހިޔާލުތަފާތުވެ، ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތީ ވަކިވަކިންނެވެ.

ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައެޅި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިހާބުގައި ވާދަކުރި ނަމަ، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 35 ދާއިރާ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އަށް 22، މައުމޫނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ އެވެ.

އެކަމަކު، ޕާޓީތަކުން މި ފޯމިއުލާ އަށް ދެން ކެންޑިޑޭޓުންނެއް ނުނެރެވޭނެ އެވެ. އެއީ، އެ އަދަދުތަކަށް ވުރެ އިތުރަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ވެސް ޓިކެޓް ހަވާލުކޮށްފައި އޮތުމުންނެވެ.