އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ ހަތަރު ގުނަ ބޮޑުކުރަނީ

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ ހަތަރު ގުނަ ބޮޑުކުރަން ނިންމައި، އިންޑިއާގެ އަހަރީ ބަޖެޓްގައި ހިމަނައިފި އެވެ.


މިދިޔަ ހަފުތާގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓްގައި، މި އަހަރާއި އަންނަ އަހަރާ ދެމެދު ރާއްޖެއަށް ދޭން ކަނޑައަޅާފައިވަނީ 575 ކްރޯޑް ރުޕީސް (5.7 ބިލިއަން ރުފިޔާ) އެވެ. އެއީ މިދިޔަ އަހަރު ރާއްޖެއަށް ދޭން ކަނޑައެޅި އަދަދަށް ވުރެ 460 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދޭން ކަނޑައެޅީ 125 ކްރޯޑް ރުޕީސް (1.2 ބިލިއަން ރުފިޔާ) އެވެ.

އެހީ އާއި ލޯނުގެ ގޮތުގައި 7،569 ކްރޯޑް ރުޕީސް (4.8 ބިލިއަން ޑޮލަރު) އެކި ގައުމުތަކަށް ދިނުމަށް އިންޑިއާގެ މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ކަނޑައަޅާފައިވަނީ އަވަށްޓެރި ބޫޓާނަށެވެ. ބޫޓާނަށް އެކަނި ވެސް އެހީގެ ގޮތުގައި 2،600 ކްރޯޑް ރުޕީސް (1.6 ބިލިއަން ޑޮލަރު) ދޭން ނިންމާފައިވެ އެވެ.

ރާއްޖެއަށް ދޭ އެހީތައް އިތުރުކުރަން އިންޑިއާ އިން ނިންމިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ އެކު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެފަ އެވެ. ރައީސް ބޭޭރު ގައުމަކަށް އެންމެ ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާއަށެވެ. އެ ދަތުރުފުޅުގައި ބަޖެޓް ސަޕޯޓަށާއި ތަރައްގީގެ މަޝްރޫއުތަކަށް އެހީވާން އެއްބަސްވުންތަކުގައި ސޮއިކުރެއްވި އެވެ.