ބިދޭސީ ނޫސްވެރިން އިތުރަށް ޗެކް ކުރަނީ މަގްސަދު ދެނެގަންނަން: އިމިގްރޭޝަން

ފޮޓޯ އާއި ވީޑިއޯ ނަގައި އަދި ނޫސްވެރިކަމާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ރާއްޖެ އަންނަ ބިދޭސީން އިތުރަށް ސްކްރީން ކުރަން ނިންމީ އެ މީހުންގެ މަގުސަދު ރަނގަޅަށް ދެނެގަނެ، މަސައްކަތް ސައްހަތޯ ބެލުމަށް ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.


އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ ފޮޓޯ އާއި ވީޑިއޯ ނަގައި، ނޫސްވެރިކަމާ ގުޅުން ހުރި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ ސެކިއުރިޓީ ސްކްރީން ކުރާއިރު ފުލުހުންނާ ގުޅިގެން، އެ މީހުންގެ ރެކޯޑުތައް ސާފު ކުރާނެ ކަމަށެވެ. އަދި އެ މީހުން ކުރަން އަންނަ މަސައްކަތަށް ސަލާމަތީ ބާރުތަކުގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ބަލާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އެއީ ކޮންބައެއް ކަމާއި އެ މީހުން އެ އަންނަނީ ހަމަ އެ މަސައްކަތް ކުރަންތޯ ދެނެގަތުން. އެއީ މިހެން ދިމާވާ މައްސަލަތައް މަދުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

މި ފަދަ މަސައްކަތް ކުރަން ރާއްޖެ އަންނަ ބިދޭސީން ދެން ސެކިއުރިޓީ ސްކްރީން ކުރާނީ އެ މީހުންނަށް ވިސާ ދޫކުރުމުގެ ކުރިންނެވެ. އެހެންވެ، އެ މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އަށް ނުވަތަ ބިޒްނަސް ވިސާއަށް އެދޭ އިރު، ސެކިއުރިޓީ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހަލީލް ވިދާޅުވި ގޮތުގައި، ނޫސްވެރިކަމާ ގުޅުން ހުރި މަސައްކަތް ކުރަން އަންނަ މީހުންގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމީ ވަކި މައްސަލައެއް ދިމާވެގެނެއް ނޫނެވެ.

"މިއީ ފެށުމެއް. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން އެކި ދާއިރާތަކުން ސެކިއުރިޓީ ސްކްރީން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސެކިއުރިޓީ ސްކްރީންގެ ޕްރޮސެސް މުޅިން ނިންމުމަށް ގާތްގަނޑަށް ދެތިން ހަފުތާ ނަގާނެ އެވެ. އެކަމަކު އެ މީހުންނަށް ދެން ވިސާ ދޫކުރާނީ އެ ޕްރޮސެސް ނިމުމުންނެވެ.

ޑޮކިއުމަންޓްރީ ފަދަ އެއްޗެހި ހަދައި، ނުވަތަ ނޫސްވެރިކަމާ ގުޅުން ހުރި މަސައްކަތް ކުރުމަށް ދޭތެރެދޭތެރެއިން ބިދޭސީން ރާއްޖެ އަންނައިރު، މާލޭގައި ފޮޓޯ ނަގަން އުޅުނު ދެ ބިދޭސީއަކު މިދިޔަ މަހުގެ ތެރޭގައި ވެސް ޑީޕޯޓް ކޮށްލައިފައި ވެ އެވެ.

ސަރުކާރުގައި ހުރި ކޮރަޕްޝަނުގެ މައްސަލަތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރު ކުރުމަށް އަލްޖަޒީރާގެ ގިނަ ނޫސްވެރިންތަކެއް ވެސް މި ފަހުން ރާއްޖޭގައި މަސައްކަތް ކޮށްފައި ވެ އެވެ. އެ ޑޮކިއުމެންޓްރީ މި މަހުގެ 30 ލަންޑަންގައި އިފުތިތާހު ކުރަން ވަނީ ނިންމައިފަ އެވެ.