މައުމޫންގެ ތާއީދު މިހާތަނަށް 24 ކެންޑިޑޭޓަކަށް

އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް 24 ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ހާމަކުރައްވައިފި އެވެ.


އާންމު އިންތިޚާބުގައި މައުމޫންގެ ފިކުރަށް ތާއީދުކުރާ މީހުން ވާދަކުރާނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގަ އެވެ. އެގޮތުން، މައުމޫން ތައީދު ކުރައްވާ ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ޚާއްސަ ސިޓީފުޅެއް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އިންތިޚާބުގައި މިހާތަނަށް 24 ކެންޑިޑޭޓަކަށް މައުމޫންގެ ތާއީދު ލިބިވަޑައިގެންނެވިއިރު، މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން 11 ދާއިރާއަކަށް ވާދަނުކުރެ އެވެ.

މައުމޫންގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރަން 100 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

އެމްއާރުއެމްގެ ފަރާތުން ވާދަނުކުރާ ދާއިރާތައް:

- ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ދިއްދޫ ދާއިރާ.

- ހަނިމާދޫ ދާއިރާ، މަކުނުދޫ ދާއިރާ، މަޑުއްވަރީ ދާއިރާ.

- މާމިގިލި ދާއިރާ، ތިމަރަފުށި ދާއިރާ، ވިލިނގިލި ދާއިރާ.

- ތިނަދޫ ދެކުނު ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ.

މައުމޫންގެ ތާއީދާއެކު ވާދަކުރާނެ ދާއިރާތައް:

- ހެންވޭރު އުތުރު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ.

- މާފަންނު ހުޅަނގު ދާއިރާ، މާފަންނު މެދު ދާއިރާ، މާފަންނު ދެކުނު ދާއިރާ.

- ވިލިމާލެ ދާއިރާ، ކެލާ ދާއިރާ، ނޮޅިވަރަމް ދާއިރާ.

- ކޮމަންޑޫ ދާއިރާ، ތުޅާދޫ ދާއިރާ، ތުލުސްދޫ ދާއިރާ.

- ކ. ގުރައިދޫ ދާއިރާ، ދިއްގަރު ދާއިރާ، މުލަކު ދާއިރާ.

- ނިލަންދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، އިސްދޫ ދާއިރާ.

- ފޮނަދޫ ދާއިރާ، މާވަށު ދާއިރާ، ތިނަދޫ އުތުރު ދާއިރާ.

- ގައްދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާފައިވާ މައުމޫން ރިފޯމް މޫވްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އެމްއާރުއެމް އިން ކުރި އިއުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންނާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ބައެއް ދާއިރާތަކަށް ކުރިމަތިލެއްވި ބޭފުޅުން ނަން އަނބުރާ ގެންދަވާފައިވާތީވެ، މިހާރު ކަނޑައެޅިފައިވާ ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި ނަމަ، އަންނަ ބުދަ ދުވަހުގެ ކުރިން އެމްއާރުއެމް އަށް އެންގުމަށް ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކުގައި ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި އެވެ. މަޖިލީސް އިންތިހާބުގައި ޕާޓީތަކުން ގޮނޑިތަކަށް ވާދަކުރާނެ އަދަދު ލިއެފައި ނުވާ އެއްބަސްވުމާ މެދު ހިޔާލުތަފާތުވެ، ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތީ ވަކިވަކިންނެވެ.

ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައެޅި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިހާބުގައި ވާދަކުރި ނަމަ، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 35 ދާއިރާ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އަށް 22، މައުމޫނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ އެވެ.

އެކަމަކު، ޕާޓީތަކުން މި ފޯމިއުލާ އަށް ދެން ކެންޑިޑޭޓުންނެއް ނުނެރެވޭނެ އެވެ. އެއީ، އެ އަދަދުތަކަށް ވުރެ އިތުރަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ވެސް ޓިކެޓް ހަވާލުކޮށްފައި އޮތުމުންނެވެ.