ކޮންޓްރޯލް ނުވި ސައިކަލެއް މޫންކެފޭގެ ތެރެއަށް

ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، މާލޭގެ ކެފޭއެއްގެ ތެރެއަށް މިއަދު ވަދެ، ސައިކަލަށް އެކި ވަރުގެ ގެއްލުންތަކެއް ވެއްޖެ އެވެ. އެކަމަކު މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުވެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫން ކެފޭ ތެރެއަށް ވަދެ ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ފިރިހެން މީހާގެ އަތް ޒަހަމްވި އެވެ. މި އެކްސިޑެންޓުގައި މޫން ކެފޭގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، ފިހާރަ ތެރެއަށް ވަދެފައިވެ އެވެ. މި އެކްސިޑެންޓުގައި ވެސް ސައިކަލް ދުއްވަން އިން އަންހެން މީހާގެ އަތް ކަފައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ނުލިބެ އެވެ.