ގޭންގުތަކާ ވާހަކަ ދެއްކުން މަހްލޫފް ދިފާއު ކުރައްވައިފި

ގޭންގުތަކާ ވާހަކަ ދައްކައިގެން، މާރާމާރީ އާއި ބޮޑެތި ކުށްތައް ހުއްޓުވުމުގެ މަސައްކަތް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފް އިއްޔެ ދިފާއު ކުރައްވައިފި އެވެ.


ގޭންގުތަކާ ވާހަކަ ދައްކައިގެން ކުށް މަދު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަހްލޫފް މީގެ ދުވަސްކޮޅެއް ކުރިން އިއުލާން ކުރައްވާފައިވާއިރު، އެކަމާ މެދު ހިތްހަމަނުޖެހިގެން ވަރަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. އެ މީހުންގެ ވިސްނުމުގައި ގޭންގްތަކާ ވާހަކަ ދައްކައިގެން ސަރުކާރުން މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ޖެހޭނީ ހަރުކަށި އަދަބު ދޭށެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއު ގައި، އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މަހްލޫފް ވިދާޅުވީ، ގޭންގްތަކާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަކީ އެންމެ ރަނގަޅު މަގު ކަމަށް ތަޖުރިބާކާރުން ވެސް ގަބޫލު ކުރާ ކަމަށެވެ. އެހެންވެ، ގޭންގްތަކާ ވާހަކަ ދައްކައިގެން ކަންކަން ރަނގަޅު ކުރުމަށް ބަޔަކު ދެކޮޅު ހެދި ނަމަވެސް ވާހަކަ ދެއްކުމުގެ ވިސްނުން ދޫކޮށްނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމެރިކާ ވެސް އަދި އަޅުގަނޑުމެން ބައްދަލު ކުރި އެހެން ގައުމުތަކުން ވެސް ގަބޫލު ކުރޭ އެ [ވާހަކަ ދެއްކުމުގެ] ވިސްނުން. ފުރަތަމަ ޖެހެނީ ވާހަކަ ދައްކަން. ބައެއް މީހުންނަށް ހީވަނީ ވަޅި ޖަހައި އުޅެނީ އެންމެ އަށް މީހުންނޭ، އެމީހުން ޖަލަށް ގެންދިޔައީމާ ނިމުނީއޭ. އެކަމަކު އެ އަށް ވުރެ މައްސަލަ މާ ސީރިއަސް ހަގީގަތުގައި،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި، ވާހަކަ ދެއްކުމުގެ ނަމުގައި ގޭންގުތަކާ އެކު އެއްވެސް ޑީލެއް އޭނާ ނުހައްދަވާނެ އެވެ. އަދި އެ މީހުން ކުރާ ކުށްތައް އަޅާނުލައި ދޫކޮށްނުލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުސް އިންޓެލިޖެންސުން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުގެ މީހުންނަށް ބްރީފް ކުރިއިރު އަޅުގަނޑު ހުރިން. ވަރަށް ސީރިއަސް ކަމެއްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އެ މީހުންނާ [ގޭންގްތައް] ވާހަކަ ދެއްކުމޭ މި ބުނަނީ ދައުލަތުގެ ދިދަ ފަހަތުގައި ޖަހައިގެން އެ މީހުންނާ އެކީ ޕީސް ޓޯކަކަށް ދާ ވާހަކައެއް ނޫން. އަޅުގަނޑުމެން ދަންނަ މީހުން ވެސް އޭގެ ތެރޭގައި އެބަތިބި. އެ އިން މީހެއްގެ ދަށުވެފައެއް ނޯންނާނެ،" މަހްލޫފް ވިދާޅުވި އެވެ.

ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުންނަކީ ކުށުގެ މާހައުލުން ސަލާމަތް ކުރެވިދާނެ ބައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު ބޭނުން އެމީހުން ގޭންގުތަކުން ސަލާމަތްވާން،" އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ، އާންމުންގެ ފާޑުކިޔުންތަކާ ހެދި، ގޭންގްތަކާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމުގެ ކަންކަން ބާރަށް ކުރިއަށް ނުގެންދެވުނު ކަމަށެވެ.