އެމްޑީޕީ މެންބަރުންގެ ވޯޓުން އިންތިހާބު ކާމިޔާބު ކުރެވޭނެ: ރައީސް ނަޝީދު

އެމްޑީޕީގެ މެންބަރުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދީފި ނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ ޕާޓީ އަށް އަގުލަބިއްޔަތު ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ހަރުގޭގައި މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބައެއް ދާއިރާތަކުގައި އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުން ވަނީ 2000 ވަރަކަށް ވޯޓު ކަމަށެވެ. އަދި އެ ދާއިރާތަކުގައި އެމްޑީޕީގެ މެންބަރުން އެ އަދަދަށް ތިބި ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"މިއަދު އެމްޑީޕީގެ މެންބަރުން ކުރައްވާންވީ ކަމަކީ ޕާޓީގެ ޓިކެޓު ލިބިފައިވާ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވަންވީ،" ނަޝީދު ވިދާޅުވި އެވެ. "ޕާޓީގެ މެންބަރުން ޕާޓީގައި ހިފެހެއްޓުނީމަ އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ."

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި އެމަނިކުފާނު ވެސް އެމްޑީޕީ ކެންޑިޑޭޓަކަށް ނޫނީ ކެމްޕެއިން ނުކުރައްވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް ވެސް އަދި އަޅުގަނޑެއް ވެސް ނޭދޭނެ އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް އެމްޑީޕީ މެންބަރުން ވޯޓު ދިނުމަކަށް. އެ ނޫން ގޮތަކަށް ދައްކާ ވާހަކައަކީ ބާތިލު، ދޮގު ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް ހުށަހެޅި "އެޖެންޑާ 19" މެނިފެސްޓޯ އަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެފައިވާތީ އެކަމަށް ވެސް ނަޝީދު ރައްދު ދެއްވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ޑރ. ޖަމީލު އަރިހުގައި ވިދާޅުވެދެއްވަބަލާށޭ އެޖެންޑާ 19 ކަމުނުދާ ކަމަށް ތިޔަ ވިދާޅުވަނީ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގައި ދެން އޮތް އެހެން ގޮތަކީ ކޮބައިތޯއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގައިވާ ކަންތައްތައް ތަންފީޒުވެއްޖެ ނަމަ ޝަރުއީ ނިޒާމް ފުރިހަމައަށް އިސްލާހު ކުރެވޭނެ ކަމަށެވެ. އަދި އެޖެންޑާ 19 ތައްޔާރުކޮށްފައި ވަނީ ވޭތުވެދިޔަ 15 އަހަރު ކޮށްފައިވާ ތަޖުރިބާއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެޖެންޑާ 19 އަކީ އަޅުގަނޑުމެންނަށް ފެނުނު ތަނާއި އަޅުގަނޑުމެން ތަޖުރިބާކޮށް މި ޕާޓީ އެކުލަވާލާފައިވާ އެޖެންޑާ. އިރާދަކުރެއްވިއްޔާ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފުރިހަމައަށް ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.