ރާއްޖެ އޮތް ތަނުގެ ސަބަބުން ނުރައްކާތައް އެެބަހުރި: ދުންޔާ

ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން އިގުތިސާދީ ގޮތުން ހުރި ފައިދާތަކާ އެއްވަރަށް ރާއްޖެ އަށް ނުރައްކާތައް ވެސް އެބަހުރި ކަމަށާއި ރާއްޖެ އަށް އެކަން އެނގޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ވިދާޅުވެއްްޖެ އެވެެ.


ޕާކިސްތާނުގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް މެރިޓައިމް އެފެއާޒް އިން ކޮންމެ އަހަރަކު ބާއްވާ "އިންޓަނޭޝަނަލް މެރިޓައިމް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖެ އޮތީ އިންޑިއާ ކަނޑުގެ މައި މަގުތަކުގެ ތެރޭގައި ކަމަށް ވާތީ ކަނޑުގެ އުދުވާންތަކަށް ހުށަހެޅިފައި ކަމަށެވެ.

"ރާއްޖެ އަށް ރަނގަޅަށް އެނގޭ ރާއްޖެ އޮތް ކަނޑުގެ ސަރަހައްދުގެ ގޮތުން ހުރި ނުރައްކާތަކާ ގޮންޖެހުންތައް. އެންމެ ފާހަގަކޮށްލެވޭ [ނުރައްކަލަކީ] ސޯމާލިޔާގައި ގާއިމްވެ ތިބޭ ކަނޑުފޭރޭ މީހުން. އެމީހުން އަންނަނީ ގައުމުގެ ހުޅަނގުގައި ހަރަކާތްތެރިވަމުން،" ދުންޔާ ވިދާޅުވި އެވެ.

ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1988 ވަނަ އަހަރު ރާއްޖެއަށް ބަޔަކު ދިން ހަމަލާ އަކީ އެފަދަ ނުރައްކަލެއްގެ ގޮތުގައި ދުންޔާ ސިފަކުރެއްވި އެވެ. ދެން ވިދާޅުވީ ކަނޑުމަގުން ރާއްޖެ އަށް އަރައި ދިން އެހަމަލާ ނާކާމިޔާބު ކޮށްލެވުނަސް، ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް ނުރައްކަލުގެ ހަގީގަތް އެ ހާދިސާ އިން އެނގުނު ކަމަށެވެ.

"ހާއްސަކޮށް ކަނޑުގެ ސަރަހައްދު ބޮޑު ގައުމުތަކަށް،" އޭނާ ވިދާޅުވި އެވެ.

މައުމޫނުގެ ވެރިކަން ވައްޓާލަން ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ރާވައިގެން ދިން ހަމަލާ ނާކާމިޔާބުކޮށްލީ އިންޑިއާ ސިފައިންގެ ވެސް އެހީތެރިކަމާ އެކު އެވެ. އެ ހަމަލާގައި ރާއްޖޭގެ 19 މީހަކު ޝަހީދުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދުނިޔޭގެ ފެންވަރުގައި މައުމޫނު ކުރެއްވި ވަރުގަދަ ކެމްޕޭންގެ އަސްލު ސަބަބަކީ އެ ހާދިސާ އެެވެ.

ދުންޔާ ތަގުރީރު ކުރެއްވި ޖަލްސާގައި ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ އާއި އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ ބައިވެރިވެވަޑައިގަތެވެ.