ކައުންސިލަރުންގެ އަދަދު މަދުކުރާ އިސްލާހު ތަސްދީގުކޮށްފި

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.


އެ އިސްލާހުގައިވާ ގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގައި ތިބޭނީ ފަސް ކައުންސިލަރުންނެވެ.

އަތޮޅު ކައުންސިލްގެ މެމްބަރުން އިންތިހާބު ކުރާއިރު، ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރު ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ މުޅި އަތޮޅުން އިންތިހާބުކުރާ ތިން ކައުންސިލަރުން ކަމަށް އިސްލާހުގައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު މިހާރު ބުނާ ގޮތުން އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ފަހަކަށް ވުރެ ގިނަ ކައުންސިލަރުން ތިބެން ޖެހެ އެވެ. އަދި ބައެއް އަތޮޅު ކައުންސިލްތަކުގައި ފަހަކާއި ދިހައަކާ ދެމެދުގެ އަދަދަކަށް ކައުންސިލަރުން ހިމެނެ އެވެ.

ގާނޫނަށް މިގެނައި އިސްލާހުގެ ސަބަބުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ ވަރަށް ބޮޑު ތަނުން މަދުވެގެންދާނެ އެވެ. ކައުންސިލް އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.