އޮންލައިންކޮށް ފްލެޓް ފޯމު ހުށަހެޅޭ ގޮތް ހަދައިފި

ސޯޝަލް ހައުސިން ސްކީމުގެ ފްލެޓުތަކަށް، ކިއުގައި ނުޖެހި އޮންލައިންކޮށް ހުށަހެޅޭނެ "މަގޭހިޔާވެހި" ޕޯޓަލް މިއަދު ލޯންޗުކޮށްފި އެވެ.


ނޭޝަނަލް ސެންޓާ ފޯ ދި އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ތައްޔާރުކުރި ޕޯޓަލް ލޯންޗުކޮށްދެއްވީ، ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އެވެ.

ކިއުގައި ނުޖެހި ފްލެޓަށް އެދޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ސަރުކާރުގެ 60 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތް ނިންމައި vehi.egov.mv ލޯންޗުކޮށްފައިވަނީ އެ ވައުދު ފުއްދަން ދީފައިވާ މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައި އޮއްވަ އެވެ.

ފްލެޓަށް އެދޭ ޕޯޓަލް ލޯންޗުކުރިއަސް، މިވަގުތު، ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމެއް ހުޅުވާލާފައިނުވާތީ އެއްވެސް ފްލެޓަކަށް ކުރިމަތިއްޗެއް ނުލެވޭނެ އެވެ. އެހެންކަމުން މިވަގުތު އެ ޕޯޓަލް އިން ކުރެވޭނެ ހަމައެކަނި ކަމަކީ ރަޖިސްޓްރީވުމެވެ.

އެ ޕޯޓަލަށް ވަނުމުން، ޕޯޓަލަށް ލޮގިން ވުމަށް ވެބްސައިޓުގެ ވާތްފަރާތު ކަނުގައި ހާއްސަ ތަނެއް އިންނާނެ އެވެ. އެއަށް ފިތާލުމުން އަރާނީ، ސަރުކާރުގެ ބައެއް ހިދުމަތްތަކަށް އޮންލައިންކޮށް ހުށަހަޅަން ހަދާފައިވާ "އީފާސް"ގެ ޔޫސަނޭމާއި ޕާސްޕޯޑު ޖަހާށެވެ. އެހެންވެ އީފާސްގެ އެކައުންޓެއް ހަދާފައިނުވާ ނަމަ، މަގޭވެހި ބޭނުންކުރުމުގެ ކުރިން ޖެހޭނީ އޭގެ އެކައުންޓެއް ހުޅުވާށެވެ.

އޮންލައިންކޮށް ފޯމު ހުށަހެޅޭ "މަގޭހިޔާވަހި" ޕޯޓަލް ލޯންްޗުކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު އާތިފާ (މ)، ޕްލޭނިން މިނިސްޓަރު އަސްލަމް (ކ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަގޭވެހި ޕޯޓަލަށް ރަޖިސްޓްރީވުމުން، އެ ޕޯޓަލަށް އެ މައުލޫމާތު ލިބެނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށެވެ.

ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ފްލެޓަށް އެދޭ އޮންލައިން ޕޯޓަލް ހަދާފައިވަނީ ސަރުކާރުގެ ވިއުގާގެ ތެރޭގައި ކަމަށް ވުމުން، އެއްފަހަރާ ކިތައްމެ ގިނަ ބަޔަކު ވަން ކަމުގައި ވިއަސް ވެބްސައިޓު ކްރޭޝްވުން ފަދަ ކަމެއް ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އޮންލައިން ޕޯޓަލް އިތުރަށް ތަރައްގީކުރަން ނިންމާފައިވަނީ އެމީހަކަށް ލިބޭ މާކްސް ވެސް އެނގޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީން މިހާރު ވަނީ މަގޭހިޔާވެހި ޕޯޓަލަށް ހާއްސަ ޑިވެލޮޕަރުންގެ ޓީމެއް އެކުލަވާލައިފަ އެވެ.

ހައުސިންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ އޮންލައިންކޮށް ފޯމު ހުށަހެޅިކަމުގައި ވިއަސް އެކަން ކަށަވަރުކުރެވޭނެ މައުލޫމާތުތައް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ހުށަހަޅާ ފޯމުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ޕޯޓަލުން ލިބޭނެ ގޮތް ހަދާނެކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ހުޅުވާލި ފްލެޓުތަކަށް ކުރިމަތިލާން އެތައް ހާސްބަޔަކު އެތައް ގަޑިއިރު ކިއު ހަދާފައި ވެ އެވެ. ނަމަވެސް އޮންލައިން ޕޯޓަލް ތައާރަފުކުރުމުން، ދެން ހުޅުވާލާ ހައުސިން ސްކީމުތަކަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިކަމުގައި ވިއަސް ހުށަހެޅޭނެ އެވެ.