ބްރައިޓްވޭ އިންޓަނޭޝަނަލްގެ 23 ދަރިވަރަކަށް ސްކޮލާޝިޕް ހަވާލުކޮށްފި

ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ 23 ދަރިވަރަކަށް އެ ސްކޫލުން އިއްޔެ ސްކޮލަޝިޕް ހަވާލުކޮށްފި އެވެ.


އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދަރިވަރުންނަށް ސްކޮލަޝިޕްތައް ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު އިބްރާހިމް ޝަހީބެވެ.

މިއީ ބްރައިޓްވޭ ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނުން މިދިޔަ އަހަރު ހިންގި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ކިޔެވި ދަރިވަރުންގެ ތެރެއިން، ގްރޭޑް 10 ފިޔަވައި، ކޮންމެ ގްރޭޑަކުން ތައުލީމީގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ކުއްޖަކަށް ދޭ ސްކޮލަޝިޕެކެވެ. އަދި މިދިޔަ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ފަސް ދަރިވަރަކަށް ވެސް ބްރައިޓްވޭ އިން ވަނީ ސްކޮލާޝިޕް ދީފަ އެވެ.

މި ސްކޮލަޝިޕް ލިބުނު ދަރިވަރުން މި އަހަރު ސްކޫލް ފީ ދައްކާކަށް ނުޖެހޭނެ އެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންތައް -- ފޮޓޯ: ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް

ކޮލިޓެޓް އެޑިއުކޭޝަންގެ މެނޭޖިން ޑައިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ މި ސްކޮލަޝިޕްތައް ދެނީ އެ ސްކޫލުގައި ކިޔަވާ ކުދިންގެ މެދުގައި ކިޔެވުމަށް ބާރު އަޅައި، ހިތްވަރު ދިނުމަށް ކަމަށެވެ. މިދިޔަ އަހަރު އެ ސްކޮލަޝިޕް ލިބުނު ގިނަ ދަރިވަރުންނަށް މި އަހަރު ވެސް އެ ސްކޮލަޝިޕް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިދިޔަ އަހަރު ސްކޮލާޝިޕް ލިބުނު ކުދިންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓުގެ ކުދިންނަށް މި އަހަރު ވެސް ސްކޮލަޝިޕް ލިބުނު،" އޭނާ ވިދާޅުވި އެވެ.

މޫސާ ވިދާޅުވީ އެހެން ސްކޮލަޝިޕްތަކެއް ވެސް އެ ސްކޫލުން ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.