ރިޔާސީ އިންތިޚާބަށް "ގެއްލުނު" އެމްޑީއޭ މަޖިލީސް އިންތިޚާބަށް ތައްޔާރުވެއްޖެ

ޕީޕީއެމާ އެކު ކޯލިޝަނެއްގައި އޮތް އެމްޑީއޭ، ރިޔާސީ އިންތިޚާބާ ހިސާބުން ސިޔާސީ ހަރަކާތްތައް ހުއްޓާލާފައި އޮތުމަށް ފަހު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވެއްޖެ އެވެ.


އެޕްރީލް މަހު އޮންނަ މަޖިލީސް އިންތިޚާބަށް އެ ޕާޓީގެ ޓިކެޓް އަށް ބޭފުޅަކަށް ވަނީ ދީފަ އެވެ. އޭގެތެރޭގައި ޕާޓީގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރާއި އެމްޑީއޭގެ ޑެޕިއުޓީ ލިޑަރު އައިޝަތު ރަފިއްޔާ ހިމެނިވަޑައިގަންނަވަ އެވެ.

މިއީ، އެމްޑީއޭގެ ޓިކެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިހާތަނަށް ދާއިރާތައް ކަށަވަރުވި ބޭފުޅުންނެވެ. އިތުރު ދާއިރާތަކަކަށް ޓިކެޓް ދިނުން އެކަށީގެންވާ ކަމަށް އެ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ޕާޓީއަކާ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް އަދި އެ ޕާޓީއަކު ނެތެވެ.

އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ބޭފުޅުން. --ފޮޓޯ/އެމްޑީއޭ

ކޯލިޝަން އެއްބަސްވުމެއް އޮތަސް ރިޔާސީ އިންތިޚާބާ ހަމައިން، އެމްޑީއޭ ވަނީ ޕީޕީއެމް ދޫކޮށްލައިފަ އެވެ. އޭގެ ސަބަބެއް ކަަމަށް ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، ކޯލިޝަންގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމެވެ. އެކަމަކު، އޭގެ ފަހަތުގައި ވަނީ، ގާތް ދެ ރަހުމަތްތެރިން ކަމަށްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސިޔާމްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ކަމަށް އެމްޑީއޭގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ޕީޕީއެމް އާއި އެމްޑީއޭ އިން ހެދި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް، އެމްޑީއޭ އަށް ސަރުކާރުން ހިއްސާ ނުލިބުމަކީ، އެމްޑީއޭގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ކޯލިޝަންގައި މައްސަލަ އުފެދުނު އެއް ސަބަބެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެއްވެސް ހަރަކާތެއްގައި ސިޔާމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. މަޖިލީސް އިންތިޚާބަށް އޭނާ ކުރިމަތިލައްވާ ކަން އެމްޑީއޭ އިން އިއުލާން ކުރުމާ ހަމައަށް ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި، "ހިމޭނުންނެ"ވެ.

އިންތިޚާބަށް މަހަކަށް ވެފައި އޮއްވައި، އެމްޑީއޭ ލީޑަރުގެ މަގާމުން ސިޔާމް ދުރަށް ވަޑައިގަނެ ޕާޓީ ހިންގުން ވެސް މައުރޫފްއާ ހަވާލުކުރި އެވެ. އެކަމަކު، އިންތިޚާބަށް ފަހު ސިޔާމް ވަނީ ޕާޓީގެ ހިންގެވުމާ އަލުން ހަވާލުވެވަޑައިގެންފަ އެވެ.