ތިޖޫރި ވަގަށް ނަގައިގެން ނިކުމެވުނީ ފުލުހުންގެ ކުރިމައްޗަށް

އއ. މަތިވެރީގައި ރޭ ދަންވަރު ރަށުތެރެ ބަލަން އުޅުނު ފުލުހުންނަށް، އެ ރަށު އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރި ވަގަށް ނަގައިގެން ދެ މީހަކު ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން ބުނީ ތިޖޫރި ވަގަށް ނަގައިގެން ދެ މީހަކު ދަނިކޮށް ރޭ 2:50 ކަންހާއިރު ފެނުނީ ރަށު ތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ކަމަށެވެ.

"މަޑުކުރަން އެންގުމުން ތިޖޫރި އެއްލާލުމަށް ފަހު އެ ދެ މީހުން ވަނީ ފިލާފަ،" ފުލުހުން ބުންޏެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނުކުރާކަމެއްވެސް އަދި ފުލުހުން ނުބުނެ އެވެ.

އެއީ އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރިކަން އެނގުނީ، ތިޖޫރި އެއްލާލާފައި ވަގުން ފިލުމުން، ފިހާރަތަކާއި އޮފީސްތައް ބެލިއިރު އެސްޓީއޯ ބޭސް ފިހާރަ ފަޅާލައި ހުރުމުންނެވެ.

އެ ތިޖޫރި ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި ނަމަވެސް އޭގައި ހުރީ ކިހާ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މި ފަހަކަށް ރަށްރަށުގައި ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ