އެމްއެމްސީއަށް އެންމެ ގިނަ މައްސަލަ ހުށަހެޅީ 2017 ގައި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް އެންމެ ގިނަައިން މައްސަލަ ހުށަހަޅާފައި ވަނީ 2017 ވަނަ އަހަރު ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.


ނޫސްވެރިކަމުގެ މި އަހަރުގެ އިނާމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކައުންސިލްގެ މެމްބަރު އާތިފް އަބްދުލް ހަކީމް ވިދާޅުވީ 2017 ވަނަ އަހަރު އެ ކައުންސިލަށް 55 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން އެންމެ މަދުން މައްސަލަ ހުށަހަޅާފައި ވަނީ 2011 ވަނަ އަހަރެވެ. އެއީ އެންމެ ހަތަރު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވި ގޮތުގައި، 2017 ވަނަ އަހަރު އެހާ ގިނަ މައްސަލަ އެކި ފަރާތްތަކުން މީޑިއާ ކައުންސިލަށް ހުށަހެޅީ، އެ ދުވަސްވަރުގެ ސިޔާސީ މަސްރަހާ ގުޅިގެން ކަމަށެވެ. އަދި އެއީ 2016 ވަނަ އަހަރު ފާސްކުރި އަބުރުގެ ގާނޫނުގެ ސަބަބުން ނޫސްވެރިކަމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ދުވަސްވަރެއް ކަން އާތިފް ފާހަގަކުރެއްވި އެވެ.

"2017 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ކިހާ ހިސާބެއްގަ ކަން ތި ބޭފުޅުންނަށް ވުރެ ވަކި ރަނގަޅަށް އެނގޭނެ ބައެއް ނުހުންނާނެ،" ނޫސްވެރިންނަށް އަމާޒު ކުރައްވައި އާތިފް ވިދާޅުވި އެވެ.

އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، އެ ކައުންސިލަށް 2017 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ޚަބަރެއްގެ ސުރުހީއެއްގެ އެންމެ އަކުރެއް ނުބައިވުން ހިމެނޭ ކަމަށެވެ.

އާތިފް ވިދާޅުވި ގޮތުގައި، މީޑިއާ ކައުންސިލަށް މިހާތަނަށް ލިބިފައިވާ 134 މައްސަލައިގެ ތެރެއިން، މިދިޔަ އަހަރު ހުށަހެޅި ހަތަރު މައްސަލައެއް އަދިވެސް ނުނިމެ އެވެ. އޭގެ ތެރެއިން ތިން މައްސަލަ އަކީ، ބަލައި ނިމުމަށް ފަހު ވަކި ގޮތެއް ކަނޑައަޅާފައި ނުވާ މައްސަލަތަކެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްއެމްސީގެ ފަސް ވަނަ ދައުރަށް އިންތިޚާބު ކުރި މެމްބަރުން އަންނަނީ އެ ހުރިހާ މައްސަލަތަކެއް ބަލަމުން ކަމަށް އާތިފް ވިދާޅުވި އެވެ.