މުހިންމީ ބޭރުގެ އެހީއެއް ނޫން، އަމިއްލަ ފައިމައްޗަށް ތެދުވުން: ނަޝީދު

ރާއްޖެއަށް މުހިންމީ ބޭރުގެ އެހީއެއް ނޫން ކަމަށާއި މުހިއްމީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އިންޑިއާ އަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނަޝީދު ނޫސްވެރިންނަށް ވިދާޅުވީ ބޭރުގެ އެހީ ލިބޭނެ ކަމަށާއި ނަމަވެސް މުހިންމީ އަމިއްލަ މަސައްކަތުން ފައިސާ ހޯދުން ކަމަށެވެ.

"އެއަށް ވުރެ މުހިންމީ އަމިއްލައަށް މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހުރީ އެ މިސްރާބުގައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު ރާއްޖޭގެ ދަރަނީގެ މިންވަރު ކުޑަކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ބަޖެޓް ޑެފިސިޓް ވެސް މި ފަސް އަހަރުގެ ތެރޭގައި ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވާ މިންވަރު، އެއީ ޑެފިސިޓް ކޮންމެ އަހަރަކަށް. އެވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މާބޮޑުތަނުން ކުޑަކުރެވިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ދަރަނީގެ ގޮތުގައި ބޭރުގައުމުތަކުން ފައިސާ ހޯދުމާ ދެކޮޅަށް ނަޝީދު ކުރިން ވެސް ތަކުރާރުކޮށް ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އެމަނިކުފާނު އެންމެ ބޮޑަށް ކަންބޮވުން ފާޅުކުރެއްވި އެއް ކަމަކީ ޗައިނާއިން ރާއްޖެއަށް ދިން ލޯނުތަކުގެ މައްސަލަ އެވެ.

އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެސް ނަޝީދު އެ ވާހަކަ ދެއްކެވި އެވެ. އެގޮތުން ރާއްޖޭގައި ޗައިނާގެ މަސްލަހަތު ކުރިއަރުވަން އެގައުމުން މަސައްކަތްކުރާ ކަމަށް ކުރެއްވި ތުހުމަތު މިއަދުވެސް ތަކުރާރުކުރެއްވި އެވެ.

ޗައިނާގެ މަސްލަހަތު ކުރިއަރުވަން، ފާއިތުވި 10-15 ވަރަކަށް އަހަރުގެ ތެރޭގައި ކަންތައްތައް ކޮށްފައިވާ ގޮތް ސާފުކޮށް ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "ގިނަ އަދަދުގެ ލޯނު، ގިނަ އަދަދުގެ ފައިސާ މިވަނީ ދިވެހިރާއްޖެ އާއި މި އެތެރެވަރީގައިވާ އެތައް ގައުމަކަށް ޗައިނާގެ ފަރާތުން ގެނެސްފައި. މި ފައިސާ ގިނަ ފަހަރަށް ގެނެސްފައި މިވަނީ ނުއަގުގައި މަސައްކަތްތައް ކުރުމަށް. ދެން މި ދަރަނި އަނބުރާ ނުދެއްކުނީމާ، ޗައިނާ އެދެމުން އެ ދަނީ އޭގެ ބަދަލުގައި، ހެދި އެއްޗެއްގެ ހިއްސާ ދިނުމަށް،" ޗައިނާގެ ސިޔާސަތުތަކާ އަބަދުވެސް ދެކޮޅު ހައްދަވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ވެރިންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.