އަދާލަތާ އެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ: އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.


އެމްޑީޕީން މިހެން ބުނިއިރު، އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ބައެއް ދާއިރާތައް އަދާލަތު ޕާޓީ އަށް ދޫކުރުމަށް ދެ ޕާޓީގެ ލީޑަޝިޕުން ކުރި މަޝްވަރާތައް ވަނީ ފެއިލްވެފަ އެވެ. އަދި އެމްޑީޕީން ކުރިން ވެސް ނިންމާފައިވާ ގޮތުން 86 ދާއިރާ އަށް ވާދަކުރުމަށް އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފަ އެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، އަދި ޚަރަދުތަކެއް ވެސް ކޮށްފައިވާތީ، އެންމެ ފަހު ވަގުތު އެ ޕާޓީގެ ގޮނޑިތައް އަދާލަތު ޕާޓީ އަށް ދޫކޮށްލާކަށް އެމްޑީޕީގެ ކެންޑިޑޭޓުން ބޭނުމެއް ނުވި އެވެ.

އިންތިޚާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ބްރީފިންގައި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި މި ކެމްޕެއިންގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފު ވިދާޅުވީ، ދެ ޕާޓީން ގާއިމްކުރާ އެއްބަސްވުމުގެ ތަފުސީލު ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށެވެ. އެކަމަކު އެ ތަފުސީލު ހާމަކުރާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެމްޑީޕީން މިދަނީ މަޖިލިސް އިންތިހާބާ މެދު އަދާލަތު ޕާޓީއާ ވާހަކަ ދައްކަމުން. އަދި އިރާދަކުރެއްވިއްޔާ ވަރަށް އެއްބަސްވުމަކަށް އަންނާނެ ވާހަކަ ދަންނަވާލަން،" އަފްޝަން ވިދާޅުވި އެވެ.

އަދާލަތު ޕާޓީއާ އެކު އެމްޑީޕީން ގާއިމްކުރަން އުޅޭ އެއްބަސްވުމުގެ ތަފުސީލު ހޯދަން ނޫސްވެރިއަކު ސުވާލު ދެންނެވުމުން އަފްޝަން ތަކުރާރު ކުރެެއްވީ އެ ޕާޓީ އަށް ތައުރީފު ކުރުމުގެ ގޮތުން ފަހަކަށް އައިސް އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކެވެ. އެގޮތުން، އަދާލަތާ އެކު އެކި ކަންކަމުގައި ވާހަކަ ދެއްކުމަށާއި މަޝްވަރާކުރަން އެމްޑީޕީއަށް ވަރަށް ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ. އަފްޝަން ވިދާޅުވި ގޮތުގައި، މަޝްވަރާތަކުގެ އަދި އެއްބަސްވުމުގެ ތަފުސީލު ދެއްވޭނީ ތަންކޮޅެއް ފަހުންނެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ފާހަގަ ކުރަނީ އަދާލަތު ޕާޓީއާ އެކީ މަސައްކަތް ކުރުމާ މަޝްވަރާ ކުރުމަކީ އެމްޑީޕީ އަށް ވަރަށް ފަސޭހަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ބަންދުވެފައިވީ ނަމަވެސް އެމްޑީޕީއާ އެކު މަސައްކަތް ކުރަން ހުށަހެޅީ އަދާލަތު ޕާޓީން އިސް ނަގައިގެންނެވެ. އަދާލަތުގެ އެ ހުށަހެޅުމާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް މަޝްވަރާ ކުރި އެވެ. ނަމަވެސް އަދާލަތުން އެދުނު ގޮތަށް ބައެއް ދާއިރާތައް އެޕާޓީއަށް ދޫކޮށްލާކަށް ފާހެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލިހާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކުގައި ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވައިލި އެވެ. އެކަމަކު، އެ އެއްބަސްވުމާ މެދު ހިޔާލު ތަފާތުވެ، ޕާޓީތަކުން ވާދަކުރަން ނިންމީ ވަކިވަކިންނެވެ. ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތް ކަނޑައެޅި އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިހާބުގައި ވާދަކުރި ނަމަ، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 35 ދާއިރާ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އަށް 22، މައުމޫނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ އެވެ.