ހުޅުމާލޭގައި ބޭންކަށް ޖަމާކުރަން ދިޔަ ފައިސާތަކެއް އަނެއްކާވެސް ފޭރިގެންފި

ހުޅުމާލޭގައި ހިންގާ ފިހާރައެއްގެ ގިނަ އަދަދެއްގެ ފައިސާ ބޭންކަށް ޖަމާކުރަން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރު ދެއްކުމަށް ފަހު އެ ފައިސާތައް މިއަދު ފޭރިގެންފި އެވެ.


ހުޅުމާލޭގައި ބޭންކުތަކަށް ޖަމާކުރަން ގެންދާ ފައިސާ ފޭރިގަތުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:15 ހާއިރު ފޭރިގެންފައި ވަނީ ހުޅުމާލޭގެ ރޫޓް ފިހާރައިގެ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކަމަށެވެ. ފައިސާތައް ފޭރިގެންފައި ވަނީ ބޭންކަށް ޖަމާކުރުމަށްޓަކައި ފައިސާ ހިފައިގެން ވޭނަށް އަރަނިކޮށް، ސައިކަލެއްގައި މޫނު ނިވާކޮށްގެން ދިޔަ މީހަކު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މި ހާދިސާއާ ގުޅިގެން، ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ އާއި ޗެކުތައް ހިފައިގެންދާ ނަމަ، ފުލުހުންގެ ސެކިއުރިޓީއާ އެކު ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ފަހަކަށް އައިސް، ހުޅުމާލޭގައި ފޭރުމާއި ވައްކަމުގެ ހާދިސާތައް ގިނަ އެވެ. އެގޮތުން، ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާ މިދިޔަ މަހު ވަނީ ފޭރިގެންފަ އެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް މިދިޔަ އަހަރު ވެސް ވަނީ ފޭރިގެންފަ އެވެ.