ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ލިޔުންތައް އެމަނިކުފާނުގެ ވަކީލުންނާ ކްރިމިނަލް ކޯޓުން މިއަދު ހަވާލުކޮށްފި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ހަފުތާގަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ލިޔުންތައް މިއަދު ހެނދުނު އެމަނިކުފާނުގެ ވަކީލުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލާގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން ކޯޓަށް މައްސަލަ ހުށަހެޅޭތާ ފަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ދައުވާލިބޭ ފަރާތާ ހަވާލު ކުރަންޖެހޭނެ އެވެ.
ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެކި ފަހަރުމަތިން އެމަނިކުފާނު ފުލުހަށް ވެސް ހާޒިރުކުރި އެވެ. އަދި ފުލުހުން އެދިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި މިހާރު އޮތީ އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ.