އަރަބިއްޔާ ސްކޫލުގެ ޓީޗަރުންގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ވަފުދެއް މިސްރަށް

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޓީޗަރުންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގެ ވަފުދެއް މިސްރަށް އިއްޔެ ވަޑައިގެންފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީން ރޭ ކުރި ޓްވީޓުގައި ބުނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގާހިރާ އަށް ވަޑައިގެންފައިވާ ކަމަށެވެ.

އެ ގައުމަށް ވަޑައިގެން ސަރުކާރުގެ ވަފުދުން ވަނީ ދީނީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު މުހުތާރު ޖުމާ އާއި މިސްރުގެ މުފްތީ ޑރ. ޝައުކީ އިބްރާހިމް އައްލާމްއާ ބައްދަލުކުރައްވައިފަ އެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މިއަދު ވިދާޅުވީ އަޒްހަރު ޓީޗަރުން ނުލިބި ލަސްވާތީ ކޮންޓްރެކް އުސޫލުން މިސްރުން ހައެއްކަ ޓީޗަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކަކު މިއަދު އަންނާނެ ކަމަށް ވިދާޅުވި އެވެ.

"މި ހަފުތާގެ ތެރޭގައި ޓީޗަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ،" ޝުޖާއު ވިދާޅުވި އެވެ.

އަޒްހަރު ޔުނިވާސިޓީން، އަރަބިއްޔާ ސްކޫލަށް މި އަހަރު ފޮނުވަން ހަމަޖެއްސި ގިނަ ޓީޗަރުން އަދިވެސް ނުލިބޭތީ ސްކޫލުގައި ކިޔަވައިދިނުމަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މި އަހަރު 22 ޓީޗަރުން ފޮނުވަން ހަމަޖައްސާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެކެވެ.

އެ ޓީޗަރުން ނުލިބޭތީ އަރަބިއްޔާގައި ކިޔަވައިދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލެކްޗަރާއިންގެ އެހީގަ އެވެ. އެގޮތުން އެމްއެންޔޫގެ 18 ލެކްޗަރާއިން ކިޔަވައިދެމުން އަންނައިރު އައިޔޫއެމްގެ ވެސް ހަތަރު ވަރަކަށް ލެކްޗަރާއިން ކިޔަވައިދެ އެވެ. އަންނަ އާދިއްތަ ދުވަހު އެމްއެންޔޫގެ ކިޔެވުން ފަށާއިރު، އޭގެ ކުރިން ޓީޗަރުން ނުލިބިއްޖެ ނަމަ ވަރަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިިދިޔަ މަހުގެ 17 ވަނަ ދުވަހު އަޒްހަރު ޔުނިވާސިޓީން އަންގާފައިވަނީ، ޓީޗަރުން ފޮނުވުމަށް އަދި މަހެއް ނަގާނެ ކަމަށެވެ. ނަމަވެސް އިއްޔެ އެ މުއްދަތު ހަމަވިއިރު ވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.