ރައީސް ވަޑައިގަންނަވާ، ހިޔާނާތުގެ ފައިސާ ނެންގެވި އެމްޑީޕީގެ މެމްބަރުން ދައްކާނަން: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި ނަމަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި އެމްޑީޕީގެ މަޖިލިސް މެމްބަރުން ދައްކަވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަދުރޭ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ރަނގަޅަށް ތަހުގީގުކުރަން ފުލުހުންނަށް ނުކުރޭނެ ކަމަށެވެ. އެކަން ރަނގަޅަށް ތަހުގީގުކޮށްފި ނަމަ ވާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ ތަފްސީލް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި އިރު، ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ ލިސްޓް ވެސް އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމް ވެސް ހިމެނިވަޑައިގަަންނަވަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ތިން ބޭފުޅުން ސަސްޕެންޑްކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާވި ކަމަށް ތުހުމަތުކޮށްފައިވާ އެސްއޯއެފް އިން، އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ އަދުރޭ ވިދާޅުވީ ހިޔާނާތުގެ ފައިސާ ނެންގެވި އެމްޑީޕީގެ މަޖިލިސް މެމްބަރުން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެމްޑީޕީގެ ޕާލިމަންޓް ގްރޫޕް ނުނަގާތޯ [ހިޔާނާތުގެ] ފައިސާއެއް. ކޮންބައެއްތޯ ނެގީ؟ ކޮން ބަޔަކާތޯ ހަވާލުކުރީ؟ މި ވާހަކަ ރަނގަޅަށް ދައްކާލަން އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަންވީނޫންތޯ އަޅުގަނޑުމެންނާ އެކީގައި. އޭރުން އަޅުގަނޑުމެން ނިކަން ރަނގަޅަށް ދައްކާލަފާނަމޭ. އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަންވީ މި މޭޒު ކައިރިއަށް، އަޅުގަނޑުމެން ކައިރިއަށް. އަޅުގަނޑުމެންނަށް އިނގޭތީއޭ މި ވާހަކަ ދައްކަނީ،" އަދުރޭ ވިދާޅުވި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. އެ އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ.

އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، އެއީ އެމްއައިބީގެ އެކައުންޓުގައި ހުރި ފައިސާކަން ދައްކަވަން އޮޅުވާލެއްވީ ކަމަށް ބަލައި، އެކަން ދައުލަތުން ފައްތަނީ މަނީ ލޯންޑަރިންނަށެވެ.

އެ މައްސަލާގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.