މިނިސްޓަރު ޝާހިދު އެމެރިކާ އަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕެއޯގެ ދައުވަތަކަށް މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.


މިއީ އެމެރިކާގެ ފޮރިން މިނިސްޓަރެއްގެ ދައުވަތަކަށް ރާއްޖޭގެ މިނިސްޓަރަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެ ދަތުރާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެމެރިކާ އަށް ވަޑައިގެން އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ޔޫއެސްއެއިޑާއި އޯޕެކްގެ އިސްވެރިން ހިމެނެ އެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ އަށް ގުޅިގެން މަސައްކަތް ކުރުމާއި ޔޫއެސްއެއިޑާ އެކު ތަރައްގީގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެމެރިކާ އަށް ފަހު ޝާހިދު ދެން ވަޑައިގަންނަވާނީ ޖެނީވާ އަށެވެ. އެއީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމަށެވެ. އެއަށްފަހު ފޮރިން މިނިސްޓަރުންގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ވަޑައިގަންނަވާނީ އަބޫ ދާބީއަށެވެ.

ޝާހިދުގެ އަރިހުގައި ފޮރިިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.