ގެއެއްގެ މަތިން ކުނި ކޮތަޅެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ހެންވޭރުގެ ގެއެއްގެ ހަ ވަނަ ފަންގިފިލާ އިން ތިރިކުރި ކުނި ކޮތަޅެއް ވެއްޓި، އެ ވަގުތު އެ މަގުން ދިޔަ އަންހެނެއްގެ ބޮލުގައި ޖެހިއްޖެ އެވެ.


ފުލުހުން ބުނީ ރޯޝަނީ މަގުގައި ހުންނަ ގެއަކުން ވެއްޓުނު ކުނިކޮތަޅުން ޖެހި އަނިޔާވި 35 އަހަރުގެ އަންހެން މީހާގެ ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބަންގްލަދޭޝްގެ މީހަކު އިއްޔެ ވަނީ މަރުވެފަ އެވެ. އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ، 44 އަހަރުގެ އެ މީހާ މަރުވީ، ބޮލުގައި ގާ ޖެހުމުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. އަދި މާލޭގައި އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހެއްގެ ބޯ އިއްޔެ ވަނީ ފަޅައިގެން ގޮސްފަ އެވެ.

މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ބަންގްލަދޭޝްގެ ކުޑަ އަންހެންކުއްޖަކު ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މަރުވެފަ އެވެ. ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ރައިޝަން ޖިއާން މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ސަރުކާރުން ވަނީ އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭ ގަވައިދެއް ހަދައިފަ އެވެ. އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ ފިޔަވަޅުތަކުގެ އެންމެ ދަށް މިންގަނޑު ކަނޑައަޅާ މި ގަވައިދުގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންގެ ސަލާމަތީ އަދި ސިއްހީ ކަންކަމާ ގުޅޭ ގޮތުން އަމަލުކުރަންޖެހޭ ގޮތާއި މަސައްކަތް ކުރުވާ ފަރާތުން، މަސައްކަތް ކުރާ ތަން ބަލަހައްޓަން ސައިޓް އިންސްޕެކްޓަރުން އައްޔަނުކުރުން ލާޒިމްކުރެ އެވެ. އަދި ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއެއް ނަމަ، މަސައްކަތްތެރިންނާއި ވަށައިގެން އުޅޭ މީހުންނަށް ވެސް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އިންޝުއަރެންސް ނެގުމަށް ވެސް އެ ގަވައިދުން ލާޒިމް ކުރެ އެވެ.