ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް: ރައީސް

ރާއްޖޭގެ ގާނޫނު އަސާސީ އާއި ދައުލަތުގެ ތިން ބާރު ވެސް އެކުލަވާލާފައި އޮތީ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭ ގޮތަށް ކަމަށާއި އެހެންވެ، ފަނޑިޔާރުންނަކީ ވެސް ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވެން ޖެހޭނެ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް ފެށުމަށް ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރަން ޖެހޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައި އޮންނަ ގޮތުން، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމަށް ހުރަސް އެޅިފައިވާ ކަމަށް ބައެއް މީހުން ދެކޭ ކަމަށެވެ. އެހެންވެ، ޖޭއެސްސީ އެކުލެވިފައިވާ ގޮތާ މެދު ފުންކޮށް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖޭއެސްސީގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިޔާރުންގެ އިތުރުން މަޖިލީހުގެ މެމްބަރުން ވެސް ތިއްބަވަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ މަގާމުގެ ހުވަ އާއި ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ވެސް ކުރައްވާފައިވާ ބޭފުޅުން ކަމަށާއި އެހެންވެ އެންމެ ނަޒާހަތްތެރިވާން ޖެހޭނީ "މަތިމައްޗަށް ދެ ހުވައި ކޮށްފައި ތިއްބަވާ" އެ ބޭފުޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

ގަޟާއީ އަހަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

"ރައްޔިތުން މިއަދު ވެސް ކުރަމުން ދާ އެންމެ ބޮޑު އުއްމީދަކީ ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، އަދުލު އިންސާފު ގާއިމުކޮށްދޭނެކަމުގެ ޔަގީންކަން ލިބުން. ރައްޔިތު މީހާގެ އެ އުއްމީދުތައް ހާސިލްކޮށްދިނުމަށްޓަކައި ކުރަންޖެހޭނެ ކިތަންމެ ކަމެއް އެބަހުރިކަން، މިވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފަނޑިޔާރު ގޭގެ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމެވެ. ދެވަނަ ކަމަކީ އެންމެހާ ނުފޫޒުތަކުން ސަލާމަތްވެ ތިބެ އިންސާފުން ޝަރީއަތް ކުރެވޭނެ މާހައުލެއް ފަނޑިޔާރުންނަށް ގާއިމުކޮށްދިނުން ކަމަށާއި މިއީ ނަޒާހާތްތެރި ފަނޑިޔާރުގެއެއް ގާއިމުކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ގަޟާއީ އަހަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

މިހާރު ބައެއް ބޮޑެތި ޝަރީއަތްތައް އާއްމުންނަށް ނުވަދެވޭނެ ގޮތަށް ވެސް ކުރިއަށް ގެންދެ އެވެ. އެކަމަކު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ޝަރީއަތްތައް ހިންގަން ޖެހޭނީ އާއްމުކޮށް ހުޅުވާލައިގެން، ހާމަކަމާ އެކު ބާއްވާ އަޑުއެހުންތަކެއްގަ އެވެ. އެއީ ގާނޫނު އަސާސީގައި ސާފު ބަހުން ބުނެފައި އޮންނަ ކަމެއް ކަމަށާއި ފަނޑިޔާރުންގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އިންސާފު ހޯދަން ދާ މީހާގެ ހައްގެއް. އެއީ މުޅި މުޖުތަމައުގެ ހައްގެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވާ އެއްތަނަކީ ރައްޔިތުންގެ މަޖިލިސްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ބިނާކުރަނިވި ފާޑުކިޔުމަށް ތަރުހީބު ދިނުމަކީ، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވުމުގެ އަނެއް އުސޫލު ކަމަށެވެ. އެހެންވެ، ފަނޑިޔާރުގެއަކީ ވެސް، ބިނާކުރަނިވި ފާޑުކިޔުންތަކަށް ތަރުހީބުދޭ ތަނަކަށް ވާނަމަ، އެތަނުގެ މިސްރާބު ސީދާ ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ އިންސާނެއްގެ ހަޔާތުގައި ވެސް އޭނާގެ ނަޒާހާތްތެރިކަމާއި ތެދުވެރިކަން އިމްތިހާން ކުރެވޭނެ ވަގުތެއް ނުވަތަ ހާލަތެއް އަންނާނެ. އެ ހާލަތުގައި ފަސާދަ އަށް ނޫނެކޭ ބުނެ، ނަޒާހަތްތެރިކަން އިސްކޮށްފި މީހަކަށް ނޫނީ، ނުފޫޒުން އެއްކިބާވުމަކީ ކުރެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.