ރަކީދޫގައި "އުޅެވެން ނެތިގެން" ރައީސަށް ދަންނަވައިފި

ވ. ރަކީދޫގައި އަސާސީ ހިދުމަތްތައް ލިބުން ދަތިވެފައިވާތީ އެރަށުގައި އުޅެވެން ނެތް ކަމަށް ބުނެ އެކަމަށް ހައްލެއް ހޯދަން ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިއްޔެ ބައްދަލުކޮށްފި އެވެ.


ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ، "މިހާރު" އަށް ވިދާޅުވީ ބައި މަދު ނަމަވެސް އަސާސީ ހައްގުތައް ލިބެންޖެހޭނެ ކަމަށާއި ރައީސާ އެކު ބޭއްވި ބައްދަލުވުމުގައި އެކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ތިބި ބަޔަކަށް ނުވޭ، އާބާދީ ކުޑަވެފައި ރަށް ކުޑަވުމަކީ އަޅުގަނޑުމެންނަށް އަސާސީ ހިދުމަތް ނުލިބެންވީ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން. ރަށަކުގައި ދިރިއުޅޭއިރު ލިބެންޖެހޭ އަސާސީ ހައްގުތައް ނުލިބޭ،" ސަމީ ވިދާޅުވި އެވެ.

ރަކީދޫ--

އާބާދީގައި 368 ރަޖިސްޓްރީވެފައި ވިޔަސް ރަކީދޫގައި އާއްމުކޮށް ދިރިއުޅޭ ފަންސާހަކަށް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލާއި އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ދުވަސްވީ ބައެއް މީހުންނެވެ. އެ ރަށުގައި ގެސްޓް ހައުސްއެއް ހިންގާއިރު ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން އެތަން ވެސް ރަނގަޅަކަށް ނުހިންގެ އެވެ.

އެ ރަށު ސްކޫލު 2007 ވަނަ އަހަރު ވަނީ ބަންދުކޮށްފަ އެވެ. މިހާރު ކިޔަވާ އުމުރުގެ އެއްވެސް ކުއްޖެއް ރަށަކު ނޫޅެ އެވެ. ހެލްތު ސެންޓަރުގައި ޑޮކްޓަރަކު ހުރި ނަމަވެސް އެއްވެސް ޓެސްޓެއް ނުހެދެ އެވެ.

"ބޮޑުކަމެއް ވިއްޔާ ތަނަކަށް ދެވޭނެ ގޮތެއް ނެތް. ރަށުގައި ދުއްވާ ކުޑަ ދެ މަސް ދޯނި އެކަނި މި އޮންނަނީ،" ސާމީ ވިދާޅުވި އެވެ.

ރަށުގައި އެންމެ ފިހާރައެއް ހުންނައިރު އާއްމު ކެއިންބުއިމަށް ރަށަށް އެއްޗެހި ގެންނަނީ އަތޮޅު ފެރީގަ އެވެ. އެ ފެރީ ވެސް ކޮންމެ ދުވަހަކު ދަތުރު ނުކުރާތީ ދަތިވާ ކަމަށް ސާމީ ވިދާޅުވި އެވެ.

ރަކީދޫ މީހުން ކުރިން ވަނީ ތުލުސްދޫ އަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަން ނުވެ އޮތުމުން މިހާރު އެ ރަށު ރައްޔިތުން ވެސް ބަދަލުވާކަށް ބޭނުމެއް ނުވެ އެވެ. ވ. އަތޮޅުގައި އޮންނަ ފޮއްތެޔޮ ފަޅު، ހިއްކައި، އަތޮޅުގެ އެންމެން އެއްފަސް ކުރުމަކީ ވެސް ކުރިން އެ އަތޮޅު މީހުންގެ އެދުމެކެވެ. ނަމަވެސް މިހާރު އެ އަތޮޅަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގާ ރަށްތައް ހުރި އަތޮޅެވެ.

ރަކީދޫ ކައުންސިލްގެ މެމްބަރުން ރައީސް އާއެކު-- ފޮޓޯ: ރައީސް އޮފީސް

ސާމީ ވިދާޅުވީ ރަށު ރައްޔިތުންނާ މެދު ކަންކުރާނެ ގޮތެއް ރޭވުމަށްފަހު ސަރުކާރުން އެކަމާ މަޝްވަރާކުރާނެ ކަމަށެވެ.

މީހުން މަދަސް، ރަކީދޫގައި ބަނދަރު ހެދުމާއި ނަރުދަމާ އެޅުމުގެ އިތުރުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މިއަހަރު ބަޖެޓުގައި ވެސް ހިމަނާފައިވެ އެވެ.

ޖަޒީރާވަންތަ ގޮތަކަށް ރާއްޖެ ތަރައްގީކުރުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު އެއްވެސް ރަށެއްގެ ރައްޔިތުން ގަދަކަމުން ރަށުން ނުބާލާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.