"މިހާރު"ގެ ފުރަތަމަ އަދަދުގެ 32 ނޫސް 640،000ރ އަށް ގަނެފި

މޭ 24، 2016 ގައި ނެރެން ފެށި "މިހާރު" ނޫހުގެ ފުރަތަމަ އަދަދުގެ 32 ކޮޕީ، ހެޔޮއެދޭ ފަރާތަކުން 640،000ރ އަށް އިއްޔެ ބައްލަވައިގެންފި އެވެ.


ނަން ހާމަނުކުރަން އެދިވަޑައިގެންނެވި ފަރާތުން "މިހާރު"ގެ ފުރަތަމަ އަދަދުގެ ކޮޕީއެއް 20،000ރ ގެ މަގުން 32 ކޮޕީ ބައްލަވައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، "ރާއްޖޭގެ ނޫސްވެރިކަމުގައި އެވަރުގެ ކަމެއް ފެށީތީ އެކަމަށް ހިތްވަރު ދީ، އެހީއެއް ވުމަށެ"ވެ.

"އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ މިއީ ރާއްޖޭގެ ނޫސްވެރިކަމުގައި ވަރަށް ތާރީހީ އަދަދަކަށް ވާނެ ކަން،" އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ނޫޙެއް އެންމެ ބޮޑު އަގުގައި ވިއްކި ފަހަރެވެ. މިހާތަނަށް ނޫހެއްގެ އެއް ކޮޕީ 20،000ރ އަށް ވިކިފައެއް ނުވެ އެވެ.

"މިހާރު"ގެ ފުރަތަމަ އަދަދު ޗާޕްކުރީ ހިލޭ ބަހާށެވެ. ހެޔޮއެދޭ ފަރާތުން ބައްލަވައިގަތީ "މިހާރު"ގައި ބަހައްޓާފައި ހުރި އެންމެ ފަހު ކޮޕީތަކެވެ.

"މިހާރު"ގެ މެނޭޖްމަންޓުން ގަބޫލުކުރަނީ "މިހާރު"ގެ ޕްރިންޓް އަދި އޮންލައިން އެޑިޝަން، ދިވެހި ކިޔުންތެރިންނާ ހަމައަށް އައިތާ ތިން މަސް ވީ ދުވަހާ ގުޅުވައިގެން އެހާ ބޮޑު އެހީތެރިކަމެއް ލިބުމަކީ "ނޫސްވެރިކަމުގައި މި ނޫޙުން ކުރަމުން އަންނަ ހިތްވަރު އާލާވާނެ ކަމެއް" ކަމަށެވެ.

"މިހާރު" ގެ ބައެއް މުވައްޒަފުން ނޫސް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި

"އަޅުގަނޑުމެން މި ނޫސް ފެށީ ވަރަށް ދަތިކޮށް، ވަރަށް ހިތްވަރުން. މިކަން ކުރަން ބޭނުންވީ ދިވެހި ރައްޔިތުންނަށްޓަކައި މިނިވަން ނޫސްވެރިކަމެއް ކުރިއަށް ގެންދަން،" ނޫހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނޫސް އެހާ ބޮޑު އަގުގައި ގަތުމަކީ މި މަސައްކަތަށް އަސްލު އެ ފަރާތުން ވެދެއްވި ވަރަށް ބޮޑު އެހީތެރިކަމެއް. އެކަމަށްޓަކައި އެ ފަރާތަށް ޝުކުރު ދަންނަވަން. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވުނީ ކިޔުންތެރިންނާއި ޕާޓްނަރުންގެ ސަބަބުން. އެކަން ވެސް ޝުކުވެރިކަމާ އެކު ފާހަގަކުރަން."

"މިހާރު" ނެރެނީ ކުރިން "ހަވީރު"ގައި މަސައްކަތްކުރި މީހުން ހިމެނިގެންނެވެ. "ހަވީރު" ހުއްޓާލުމުން، އެ މުވައްޒަފުން "މިހާރު"އާ ގުޅުނީ، "ހަވީރު" އާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިސްތިއުފާ ދިނުމަށް ފަހު އެވެ.

"މިހާރު" ގެ އުމުރުން އެންމެ ތިން މަސް ވީ އިރު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކިޔާ ވެބްސައިޓްގެ އިތުރުން އެއީ ރާއްޖޭގައި މިހާރު ނުކުންނަ އެންމެ ގިނަ އަދަދަކަށް ވިކޭ ދުވަހު ނޫސް ވެސް މެ އެވެ.

"އެންމެ ތިން މަސް ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް ލިބިއްޖެ. ކިޔުންތެރިންގެ އިތުބާރު ހޯދިއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ވަކި ކޮޅަކަށް ނުޖެހި، ރާއްޖޭގެ ކަންކަން ކިޔުންތެރިންނަށް ގެނެސްދޭން. އެ ޔަގީންކަން އަބަދުވެސް މިހާރުގެ ޓީމުން ދެން."