ތައުލީމު ދިނުމުގައި ދިވެހި ބަސް ބޭނުން ކުރަން ޖެހޭ: ރައީސް

ތައުލީމީ މަރުހަލާތަކުގައި ދިވެހި ބަހަށް އިސްކަން ދިނުން ވަރަށް މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ ބަޔަކު ބަސްމޮށި އުޅޭ މާދަރީ ބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއް ކަމަށާއި އެ ތަރިކަ ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ އެ އިރެއްގައި، އެތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް ކަމަށެވެ.

އެހެންވެ، ތައުލީމީ މަރުހަލާގައި ވެސް ދިވެހި ބަސް ބޭނުންކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން އެ މަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބަހެއް ދެމި އޮތުމުގެ އެންމެ މުހިއްމު ވަސީލަތަކީ އެ ބަހަކުން ލިޔެ ކިޔުމާއި ލިޔެ ކިޔަން ބޭނުން ކުރާ އަމިއްލަ އަކުރެވެ. އަދި ދިވެހިންގެ މަދަރީ ބަހަކީ އެ ދެ ނަސީބު ވެސް ލިބިފައިވާ މުއްސަނދި ރީތި ބަހެއްކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ދިވެހިންގެ މާދަރީ ބަސް ދިރު އާލާ ކުރުމަށް މަސައްކަތް ކުރަން ވެސް ޖެހޭނީ ހަމަ ދިވެހިން ކަމަށެވެ.

މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އާޓްސް އެންޑް ކަލްޗަރު މިނިސްޓަރު ޔުމްނާ އަދި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަހަރުގެ މާދަރީ ބަހުގެ ޝިއާރަތް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި އިންސާނުންނާ ތަރައްގީ ގުޅުވައިދޭ ފާލަމަކީ އެ ބައެއްގެ މާދަރީ ބަހެވެ. އަދި މުޖުތަމައުގެ ސުލްހަ މަސަލަސްކަން ދަމަހައްޓައިދީ އެ ބައެއްގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށްދެނީ ވެސް މާދަރީ ބަސްކަން ފާހަގަ ކުރެއްވި އެވެ.

"ތަރައްގީއަކީ އިންސާނާގެ ސިކުނޑިން އުފަން ކުރުވާ އެއްޗަކަށް ވާއިރު ތަރައްގީގެ ވިސްނުން އެކަކު އަނެކަކަށް ފޯރުކޮށްދިނުމުގެ މެދުވެރިޔަކީ އެ ބަޔަކު މޮށެ އުޅޭ ބަސް. އަދި ސިކުނޑީގައި އުފެދޭ ވިސްނުންތައް ހަގީގަތަކަށް ހަދައިދިނުމުގެ އެންމެ ފުރަތަމަ މަރުހަލާ ކަޑައްތު ކުރަނީ ވެސް އެ ބަޔަކު ލިޔެ އުޅޭ އަކުރުގެ ޒަރީއާއިން." އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ޖަލްސާގައި ރައީސް ވަނީ، ދިވެހި ބަސް ކުރިއަރުވަން ކުރެވިދާނެ ބައެއް ކަންކަމަށް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން ދިވެހި ބަހުގެ ގައުމީ ސިިޔާސަތެއް ކަނޑައެޅުމާއި ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހި ބަސް އަހުލުވެރިކުރުވުމާއި ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫނާއި ޑްރާމާ އަދި ތަމްސީލާއި ފިލްމު އުފައްދައި، ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން ވާހަކަފޮތް ލިޔުމުގެ ގައުމީ މުބާރާތެއް ބޭއްވިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހި ބަސް އަހުލުވެރިކުރުމަށާއި އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީވެދޭން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.

ދިވެހި ބަސް ދިރުވައި އާލާ ކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް ދިވެހި ނަންތަކެއް ކަނޑައެޅުމަށް ދިވެހި ބަހުގެ އެކަޑަމީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިވެހި ބަހުގެ ދިރާސާތަކާއި ބަހުގެ އިލްމު ކުރިއަރުވަން ބޭނުންވާ މައުލޫމާތުތައް ފަސޭހައިން ލިބިދިނުމަށްޓަކައި، ގައުމީ ބަސްމާފާނެއް ނުވަތަ ލެންގުއޭޖް ކޯޕަސްއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެތަނުން ވަނީ ފަށައިފަ އެވެ.