ބްރިޖްގައި އެކްސިޑެންޓުވެ މީހެއްގެ ކޮނޑުހުޅު ނެއްޓިއްޖެ

ސިނަމާލެ ބްރިޖުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ކޮނޑުހުޅު ނެއްޓި، އިތުރު ބަޔަކަށް މިއަދު އަނިޔާވެއްޖެ އެވެ.


ފުލުހުން ބުނީ ހެނދުނު 6:30 ހާއިރު، ބްރިޖު ފެށޭ ހިސާބުން [މާލެކޮޅުގެ ޓްރެފިކް ލައިޓް ކައިރި] ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 43 އަހަރާއި 18 އަހަރުގެ ފިރިހެނަކަށާއި 13 އަހަރާއި 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން 17 އަހަރުގެ ފިރިހެން ކުއްޖާ ފިޔަވައި، އެހެން ހުރިހާ އެންމެންނަށް ފަރުވާ ދެނީ އައިޖީއެމްއެޗުގަ އެވެ. އަދި 17 އަހަރުގެ ކުއްޖާ އަށް ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 18 އަހަރުގެ މީހާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 43 އަހަރުގެ މީހާގެ ބަނޑުން ހަން މަށައިގެން ގޮސް ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު، 13 އަހަރާއި 17 އަހަރުގެ ކުއްޖާ އަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

"ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލްގައި ތިބީ 18 އަހަރާއި 17 އަހަރުގެ ކުއްޖެއް. މި ސައިކަލް ވަނީ ޓޯ ކުރެވިފައި. އަނެއް ސައިކަލްގައި ތިބީ 43 އަހަރުގެ މީހާ އާއި 13 އަހަރުގެ ކުއްޖާ،" ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް، ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި އެކްސިޑެންޓު ހިނގުން ގިނަވެ، ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިންގުން އާންމުވެފައިވާތީ، ސައިކަލް ދުއްވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ބްރިޖުގައި ދަތުރު ކުރާ މީހުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އެކްސިޑެންޓުތައް މަދު ކުރުމުގެ ބޭނުމުގައި ފުލުހުން ވަނީ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކެއް ވެސް ފަށައިފަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ