އަށް މީހެއްގެ ކެންޑިޑެސީ ފޯމު ބަލައެއް ނުގަތް، އިންތިޚާބުގައި ވާދަކުރާނީ 395 މީހުން

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފޯމު ހުށަހެޅި އަށް މީހެއްގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) ން ނިންމައިފި އެވެ. އެހެންވެ، މި އިންތިހާބުގައި ވާދަކުރާނީ 395 މީހުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.


އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މުއްދަތު ހަމަވިއިރު 403 މީހެއްގެ ފޯމު ހުށަހަޅާފައވާ ކަމަށެވެ. އެކަމަކު އީސީން ބަލައިގަތީ 395 މީހެއްގެ ފޯމު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ފޯމުތައް ބަލައިނުގެން ސަބަބެއް ވިދާޅެއްނުވެ އެވެ.

ފޯމު ބަލައިގެން މީހުންގެ ތެރޭގައި ހިމެނެނީ 35 އަންހެނުންނާއި 360 ފިރިހެނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ 87 ދާއިރާ އަށް އެންމެ ގިނަ މެމްބަރުން ކުރިމަތިލާފައިވަނީ އެމްޑީޕީންނެވެ. އެގޮތުން އެ ޕާޓީގެ ޓިކެޓުގައި ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާފައި ވެ އެވެ. ދެން އެންމެ ގިނައިން ކުރިމަތިލާފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީން 41 ދާއިރާއަކަށް ކުރިމަތިލާއިރު އިދިކޮޅު ޕީޕީއެމުން 26 ދާއިރާއަކަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާފައި ވެ އެވެ. އަދި ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ކޮންގްރެސް ޕާޓީން 23 ދާއިރާއަކަށް، އަދާލަތު ޕާޓީން ނުވަ ދާއިރާއަކަށް، އެމްޑީއޭއިން އަށް ދާއިރާ އަށް، އެމްޓީޑީން 10 ދާއިރާ އަށް، ލޭބާ ޕާޓީން ނުވަ ދާއިރާއަކަށް ކުރިމަތިލަ އެވެ. އަދި އަމިއްލަ ގޮތުން 186 މީހަކު ވަނީ މަޖިލީހުގައި ވާދަކުރަން ފޯމު ހުށަހަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި އެ ކޮމިޝަންގެ ރައީސް ޝަރީފް (ކ-2) އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް (ވ-2) އެހެން ބޭފުޅުންނާ މަޝްވަރާ ކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޝަރީފްް ވިދާޅުވިގޮތުގައި މި ފަހަރުގެ އިންތިޚާބަށް ޗާޕުކުރާ ވޯޓު ކަރުދާސްތަކުގައި ހާއްސަ ތައްގަަނޑެއް ޖަހަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ތައްގަނޑެއް ޖަހަން ނިންމީ މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުގެ ތަޖުރިބާއިން ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިިޚާބުގައި ބޮޑު ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ވޯޓުކަރުދާހާ ގުޅޭގޮތުން ސުވާލު އުފެއްދެވި އެވެ. އަދި އެ އިންތިޚާބު ބާތިލްކުރަން އެމަނިކުފާނު ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ.

"ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާގެ އިތުރުން، ކޮންމެ ވޯޓު ކަރުދާހެއްގައި އީސީގެ ތައްގަނޑު ޖަހާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ހާއްސަ ތައްގަނޑު ޖެހުމުން ފޮއްޓަށް ލާ ވޯޓު ކަރުދާހަކީ ސައްހަ ކަރުދާހެއްކަން ވޯޓު ފޮށި ބަލަހައްޓާ އޮފިޝަލުންނަށް ފަސޭހައިން ޔަގީންވާނެ ކަމަށެވެ.