ކެންޑިޑޭޓުންނާ ގުޅޭ ރިޝްވަތުގެ ތިން މައްސަލައެއް އޭސީސީ އަށް

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރިޝްވަތުގެ ތިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބަލަން ފަށައިފި އެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިޚާބަށް ލަފާދޭ ގައުމީ ކޮމިޓީގައި އޭސީސީ ތަމްސީލް ކުރައްވާ މެމްބަރު ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، އާންމު އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން އަމަލުކުރަންޖެހޭ ހާއްސަ މިންގަނޑުތަކާއި އުސޫލުތަކެއް ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ކެންޑިޑޭޓުން ކެމްޕެއިންގައި އެއާ ހިލާފުވެގެން ޝަކުވާ ލިބޭ ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނަށް މިދިޔަ އަހަރުގެ ޖުލައި މަހު ގެނައި އިސްލާހުގައި، ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ކުރާ ކަމަކުން ކުށެއް ކަމަށް ބެލެވިދާނެ ކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަން މުއައްވިޒް ފާހަގަކުރެއްވި އެވެ.

"އިންތިޚާބަށް 395 ކެންޑިޑޭޓުން ކުރިމަތިލާއިރު މިހާތަނަށް މި ގާނޫނުގައި މި ބުނާ މުއާމަލާތްތަކާ ގުޅިގެން ތިން ޝަކުވާއެއް ލިބިފައިވޭ،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން އެއް މައްސަލައެއް ވަނީ ބަލައި ނިންމައިފަ އެވެ. އެކަމަކު، އެ މައްސަލަ ގާނޫނުގައި ބުނާ ހާލަތަކަށް ނުފެތޭ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އެއީ، ޝަކުވާގައި ކަންތައް ހިނގާފައި ވަނީ ކެންޑިޑޭޓަކަށް ވުމުގެ ކުރިން ކަމަށް ވާތީ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒް ވިދާޅުވި އެވެ. އިތުރު މައްސަލައެއް ތަހުގީގު ކުރާއިރު، ދެން ހުރި މައްސަލަ ތަހުގީގުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަކަށް އެއްޗެއް ދިނުމަށް ނުވަތަ ހިދުމަަތެއް ފޯރުކޮށްދިނުމަށް މަންފާއެއް ހޯދައި ދިނުމަކީ ރިޝްވަތުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

މުއައްވިޒް ވިދާޅުވީ، އިންތިޚާބަށް ބޯމަތިވެފައިވާއިރު ދައުލަތުގެ އިދާރާތަކުން ވެސް ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތް ކަމަށެވެ. އެއީ ދައުލަތުގެ އިދާރާތަކުން މަޝްރޫއުތައް ކުރިއަށް ގެންދާއިރު ގާނޫނުގައި ބުނާ އިމުގެ ތެރޭގައި އެ ކަންތައް ކުރުމެވެ. އަދި ކެންޑިޑޭޓުން މަސައްކަތް ކުރަމުންދާއިރު އެ ކެންޑިޑޭޓުންގެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ އިންތިޚާބާ ބެހޭ ކުށްތައް ހުއްޓުވުމަށްޓަކައި އޭސީސީގައި ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ޓީމުން ނިންމާ މައްސަލަތަކުގެ ތަފްސީލުތައް ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް 395 ކެންޑިޑޭޓުން ވަނީ ކުރިމަތިލައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ކުރިމަތިލާފައިވަނީ އަމިއްލަ ގޮތުން ވާދަކުރުމަށެވެ.