މުސާރަ ނުދޭތީ ބިދޭސީންގެ ބަޔަކު ޕޮލިހަށް

ވަޒީފާ އަދާކުރާ ކުންފުނިން މުސާރަ ނުދީގެން އެ މައްސަލަ ހުށަހަޅަން ގިނަ އަދަދެއްގެ ބިދޭސީން މިއަދު ގަލޮޅު ޕޮލިސް ކައިރިއަށް އެއްވެއްޖެ އެވެ.


ފުލުހުން ބުނީ 56 ބިދޭސީ އަކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ދިޔައީ އެ މީހުން ވަޒީފާ އަދާކުރާ ކުންފުނިން މުސާރަ ނުދީގެން އެ މައްސަލަ ހުށަހަޅަން ކަމަށެވެ. އެމީހުންގެ ޝަކުވާ އަޑު އެހުމަށް ފަހު، އެ މައްސަލަ ލޭބަ އޮތޯރިޓީ އަށް ހުށަހަޅަން އިރުޝާދު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މުސާރަ ނުދީގެން އެއްވީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބައެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަ ބޮޑެވެ. މުސާރަ ނުދޭ މައްސަލަ، ބިދޭސީން އެ މީހުންގެ ގައުމުތަކުގެ އެމްބަސީތަކަށް ވެސް ހުށަހަޅަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މަސައްކަތްތެރިން އަންނަ އެއް ގައުމު ކަމަށްވާ ބަންގްލަދޭޝް ސަރުކާރުން މިހާރު ވަނީ އެގައުމުގެ މީހުން ވަޒީފާ ހޯދަން ރާއްޖެއަށް ނާންނަން އަންގައިފަ އެވެ. ރާއްޖެއަށް މީހުން ނުފޮނުވަން ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެކްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓުން އެޖެންސީތަކަށް ވެސް ވަނީ އަންގާފަ އެވެ. ބަންގްލާދޭޝް މީހުން ރާއްޖެ އަށް ނުފޮނުވަން އެގައުމުގެ ސަރުކާރުން އެންގީ ރާއްޖޭގައި ހުންނަ ބަންގްލާދޭޝް ހައިކޮމިޝަނުން ދިން އިރުޝާދަކާ ގުޅިގެންނެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު އޭގެ ތެރޭގައި ސައްހަ ލިޔެކިއުންތައް ނެތް 63،000 މީހުން އުޅޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިދިޔަ މަހު 17 ގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ވޯކް ވިސާގައި 144،607 މީހުން ރާއްޖެ އެތެރެވެފައިވާ ކަމަށާއި އެކަމަކު އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އިމިގްރޭޝަނުން މިހާރު ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އޮޕަރޭޝަން ފެށި ދުވަހު 80 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި އިރު އޭގެ ތެރެއިން 69 މީހަކީ ގަވައިދާ ހިލާފަށް އުޅުނު މީހުން ކަމަށް އެ އިދާރާއިން ބުންޏެވެ.