މެމްބަރުން ހަމަނުވުމުން، ރިޔާސީ ކޮމިޝަންގެ ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހުނު!

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވެގެން ވޯޓަށް ނޭހި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.


މިއީ އެ ދެ ބިލް ފާސް ކުރަން މަޖިލިހުން އެޖެންޑާ ކުރި ތިން ވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ބިލް ފާސްކުރުމަށް ބެލި އިރު، ވޯޓު ނުނެގުނީ ހަތަރު މެމްބަރުން މަދުވުމުންނެވެ. މި އަހަރަށް މަޖިލިހުގެ މަސައްކަތް ފެށުމާ އެކު އިއްޔެ އޮތް ޖަލްސާގައި ވޯޓަށް އެހޭ ގޮތް ނުވީ ބޭނުންވާ އަދަދަށް ވުރެ އެންމެ މެމްބަރެއް މަދުވެގެންނެވެ. އަދި މިއަދު ވޯޓަށް އަހަން ބެލި އިރު ހަ މެމްބަރުން މަދެވެ.

އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ބޭނުންވާ ނަމަ، މިހާރުގެ މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ތަޅުމުގައި ތިއްބަވަން މަޖުބޫރެވެ.

ދެ ބިލް ފާސްކުރާ ޖަލްސާއެއްގައި 43 މެމްބަރުން ތިބެން ޖެހެނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ހިމެނޭ ބިލްތައް ފާސްކުރެވޭނީ މަދުވެގެން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެގެން ނަގާ ވޯޓަކުންކަން ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތުމުންނެވެ.

މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދުގެ ޖަލްސާގައި ވަނީ ދެ ބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ދެ ބިލަށް ވޯޓަށް އަހަން ދެކޮޅުހައްދަވައިފަ އެވެ. އަދި މާދަމާ މަޖިލިހުގެ ޖަލްސާއެއް އޮންނާނެ ކަން ވެސް އިއުލާން ކުރެއްވި އެވެ. .

ދެ ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލިޔަސް، ތިން ގައުމަކަށް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ސަފީރުންތަކަކަށް ރުހުން ދިނުމަށް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. އެ ވޯޓު ނެގީ 37 މެމްބަރުން ތިއްބަވައިގެންނެވެ.

ރުހުން ލިބިވަޑައިގެންނެވި ތިން ސަފީރުންނަކީ ތައިލެންޑަށް ކަނޑައެޅުއްވި މުހައްމަދު ޖިނާހު، ސައުދީ އަރަބިއްޔާ އަށް ކަނޑައެޅުއްވި މުހައްމަދު ޚަލީލް އަދި ޗައިނާގެ ސަފީރަކަށް ކަނޑައަޅުއްވާފައިވާ އައިޝަތު އަޒީމާ އެވެ.