ބިލް ފާސްކުރުން ލަސްކުރާތީ މައުމޫން ކަންބޮޑުވެވަޑައިގަންނަވާ: ތަޒްމީލް

ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކެއް ކަށަވަރު ކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރު ދޭ ބިލް، ރައްޔިތުންގެ މަޖިލީހުން ފާސްކުރުން ލަސްކުރަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މައުމޫން ރިފޯމް މޫވްމަންޓުގެ ސްޕޯކްސް ޕާސަން ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވެއްޖެ އެވެ.


މައުމޫންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗު ކުރުުމުގެ ހަފުލާ އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާކަން އިއުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަޒްމީލް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މައުމޫން ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ހަތަރު ފަހަރަށް އެޖެންޑާކޮށްގެން ވެސް އެ ބިލް ފާސްނުވެ ދިގުދެމިގެން ދިއުމަކީ މައުމޫން ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބިލް ފާސްނުވެ އެތައް ދުވަހެއް ހޭދަވުމަކީ ރައްޔިތުންނަށް ލިބެން ޖެހޭ އެތައް ހައްގުތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ރައީސް މައުމޫނާއި އެމްއާރުއެމުން ގަބޫލުކުރަނީ،" ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަން ޕާޓީތަކުގެ މެޖޯރިޓީ އޮވެ ބިލް ފާސްނުވުމަކީ ވެސް އެކަން ވާންޖެހޭނެ ގޮތެއް ނޫން ކަމަށް އެމްއާރުއެމް އިން ދެކެ އެވެ.

"ރައީސް މައުމޫނަކީ، ރާއްޖޭގައި މި ހިނގައިދިޔަ ބޮޑެތި ކޮރަޕްޝަންތަކާ ދެކޮޅަށް އެންމެ ފުރަތަމަ ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް. ބިލް ފާސްވުން ލަސްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ތަޒްމީލް ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މަޖިލީހުގެ މެމްބަރުން އެއްބާރުލުން ދެއްވަން މައުމޫން އެދިވަޑައިގަންނަވާ ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ.

އެ ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ހަތަރު ވަނަ ފަހަރަށް އެޖެންޑާކުރުމަށް ފަހު މިއަދު ވެސް ވޯޓަށް ނާހައި ޖަލްސާ ނިންމާލީ އެވެ.

މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ، އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ރިޔާސީ ކޮމިޝަންތަކުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އެ ބިލަށް ވޯޓަށް ނޭހޭނެތީ މިއަދުގެ ޖަލްސާގެ އެޖެންޑާ އިން އެ ބިލް ނެގީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ބިލަކަށް ވާތީ، މަޖިލިހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވޯޓު ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިއްބަވަން ޖެހެ އެވެ. އެއީ މިހާރު މަޖިލިހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ.

އެ ބިލަށް ވޯޓަށް އެހުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، ގާނޫނުއަސާސީގައި ބުނާ އަދަދު ހަމަނުވެގެން ބިލަށް ވޯޓަށް އަހައިފައެއް ނުވެ އެވެ.

އެ ބިލް އަނބުރާ ކޮމެޓީ އަށް މިއަދު ފޮނުވާލީ ކޯރަމް ހަމަވެ، ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރުވެ ތިއްބަވަނިކޮށެވެ. މިއަދުގެ ޖަލްސާގައި 69 މެމްބަރުން ތިއްބެވި އެވެ.