އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ ސަސްޕެންޝަން އިތުރުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިތުރުކޮށްފި އެވެ.


އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދު އެންމެ ފުރަތަމަ ސަސްޕެންޑްކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު، އެއް މަހަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ދުވަހުން ފެށިގެން، އިތުރު އެއް މަހަށް ސައީދު ސަސްޕެންޑްކޮށްފައިވާ ކަމަށް ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވި އެވެ. އެހެންވެ އެ މިނިސްޓްރީގެ ސިވިލް ސާވެންޓުންގެ ޒިންމާ އެހެން ބޭފުޅަކާ ވަނީ ހަވާލުކޮށްފަ އެވެ.

އޭނާ ސަސްޕެންޑްކުރީ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ވަރަށް ކުރިއްސުރެ ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސައީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގެ ތެރޭގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭނާ އޭގެ ކުރިން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.

ޖުލައި 21، 2016 ގައި ސިވިލް ސާވިސްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަން ޖެހެނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާގެ މަތިންނެވެ.