ހަމަޖެހުން އަންނާނީ ޕާކިސްތާން ޓެރަރިޒަމާ ދުރުވުމުން: ނަޝީދު

ދެކުނު އޭޝިއާ ސަރަހައްދަށް ހަމަޖެހުން އަންނާނީ ޕާކިސްތާނުން ޓެރަރިޒަމާ ދުރުވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަޖެހުން އަންނާނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އެގައުމުން ފިޔަވަޅު އެޅުމުން ކަމަށެވެ.

"ދެކުނު އޭޝިއާގެ ސުލްހަޔާއި ހަމަޖެހުން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭނީ ޓެރަރިޒަމްގެ ސަފުހާ ޕާކިސްތާނުން އެއްލުމުން. އަދި އެ ގައުމުގެ ސަރަހައްދުގެ ތެރޭގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ސީދާ ގޮތެއްގައި ފިޔަވަޅު އެޅުމުން،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ޓްވީޓް

ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ދިން ހަމަލާއެއްގައި އިންޑިއާގެ ސަލާމަތި ބާރުތަކުގެ އެތައް ބަޔަކު މަރާލުމުން އިންޑިއާ އިން ޕާކިސްތާނަށް ހަމަލާ ދީފައި ވަނިކޮށެވެ. އަދި ޕާކިސްތާނުން އިންޑިއާ އަށް ވެސް ހަމަލާދީ އިންޑިއާގެ ޖެޓެއް ވައްޓާލައި ޕައިލެޓެއް ވެސް އަތުލައިގަތެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ އެގައުމަށް ގޮވާލައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ ވެސް އިއްޔެ ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވައިލައްވައިފަ އެވެ. ފިޔަވަޅު އަޅަން މޭ ގޮވައިލެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރަށް ކުރެއްވި ފޯން ކޯލެއްގައި ކަމަށް މޭގެ އޮފީހުން ބުންޏެވެ.

ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިފަހަރު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ރާއްޖޭން ގޮވާލާފައި ވަނީ ދެ ގައުމުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ.